އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިފަހުން އިއުލާން ކުރެއްވި އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފްތައް ބޮޑުކުރުމުގެ ސިޔާސަތާ އެކު ދުނިޔޭގެ އިގްތިސާދާއި ހިއްސާގެ ބާޒާރުތަކަށް ދަނީ ބޮޑެތި ލޮޅުންތަކެއް އަރަމުންނެވެ.
ވިޔަފާރިކުރުމުގައި އެހެން ގައުމުތަކުން އެމެރިކާއާ މެދު ބޭއިންސާފުން އަމަލުކުރާ ކަމަށް ވިދާޅުވެ ޓްރަމްޕް އިއުލާން ކުރެއްވި %10 އިން %48އާ ހަމައަށް ޓެރިފް ނެގުމުގެ ސިޔާސަތާ އެކު މިއީ މިފަހުން ދުނިޔޭގެ އިގްތިސާދަށް މިހާ ބޮޑެތި ބަދަލުތަކެއް އަންނަ ފުރަތަމަ ފަހަރެވެ. އަދި އެ ސިޔާސަތާ އެކު ވިޔަފާރީގެ ހަނގުރާމައެއްގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.
ޗައިނާ އަދި ކެނެޑާ ފަދަ ބޮޑެތި އިގްތިސާދުތަކުން ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ މުދަލަށް ނަގާ ޓެރިފްތައް މިހާރު ވެސް ވަނީ ބޮޑުކޮށްފަ އެވެ. އިގްތިސާދީ މާހިރުންގެ މިހާރުގެ ބިރަކީ ބައިނަލްއަގުވާމީ ވިޔަފާރި މަޑުޖެހި، ދުނިޔެ އިގްތިސާދީ ރެސަޝަނަކަށް ނުވަތަ ކާރިސާއަކާ ދިމާލަށް މިސްރާބު ޖަހާފައިވުމެވެ.
ރާއްޖޭގެ އިގްތިސާދު ބޭރު ދުނިޔޭގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވާއިރު ދުނިޔޭގެ އިގްތިސާދަށް މި އަންނަ ބޮޑު ލޮޅުމާ އެކު ރާއްޖެެއަށް ކުރާނީ ކޮން އަސަރުތަކެއް ހެއްޔެވެ؟
ރާއްޖޭގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ %30 އަކީ ޓޫރިޒަމަށް ވާއިރު އަދި ބޭރު ފައިސާގެ އާމްދަނީގެ %60އަށް ވުރެ ބޮޑު ބައެއް ޓޫރިޒަމުން ހިއްސާކުރާއިރު ދުނިޔޭގެ ވިޔަފާރީގެ ހަނގުރާމައެއް ފެށިއްޖެ ނަމަ، އެންމެ ބޮޑަށް އަސަރު ކުރާނޭ އެއް ސިނާއަތަކީ ޓޫރިޒަމެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ، އިނގިރޭސިވިލާތް އަދި އީޔޫގެ ގައުމުތަކުގެ އިގްތިސާދަށް އަންނަ މަޑުޖެހުމުގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ އެވެ. ހާއްސަކޮށް އިންފްލޭޝަން މަތިވެ އާންމުންގެ އަތްމަތި ދަތިވާ ނަމަ އެ ގައުމުތަކުން މީހުން ޗުއްޓީ ހޭދަކުރަން އަންނަވަރު މަދުވެގެން ދާނެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް ހީނަރުކަން އައިސްފި ނަމަ ބޭރު ފައިސާގެ އާމްދަނީ ދަށްވެ ބޭރުގެ ދަރަނި އަދާކުރުމާއި އަސާސީ މުދާ ގެނައުން ފަދަ ބޭރުގެ ހަރަދުތަކަށް ޑޮލަރު ހޯދުމަށް ދަތިތަކާ ކުރިމަތިވާނެ އެވެ.
ޗައިނާ އަދި އިންޑިއާ ފަދަ ރާއްޖެއަށް ގިނައިން މުދާ އެތެރެކުރާ ގައުމުތަކުގެ އިގްތިސާދުތަކަށް އެމެރިކާގެ ބޮޑު ޓެރިފްގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާ ހުރެ ތަކެތީގެ އަގުތައް ދުނިޔޭގެ ބާޒާރުގައި އެވްރެޖްކޮށް ބޮޑުވެގެންދާނެ އެވެ. އަދި ޑޮލަރުގެ އަގު ބައިނަަލްއަގުވާމީ ބާޒާރުގައި ރެކޯޑް މިންވަރަކަށް ވެއްޓެމުން ދިޔަ ނަމަވެސް މުދާ އުފައްދާ ބޮޑެތި ގައުމުތަކުގައި އިންފްލޭޝަން އިތުރުވުމުގެ ކަންބޮޑުވުން ވެސް ވަނީ ބޮޑުވެފަ އެވެ.
އެ ސަބަބުތަކާ ހުރެ ޑޮލަރުގެ އަގު ދަށްވި ނަމަވެސް ރާއްޖެއަށް އެތެރެ ކުރާ ތަކެތީގެ އަގު ދަށްވުމަށް ވުރެ ފުރުސަތު ބޮޑީ ތަކެތީގެ އަގު އުފުލުމެވެ. ސަބަބަކީ ބޭރު ފައިސާގެ އާމްދަނީ މުސްތަގުބަލުގައި މަދުވެ ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ ރޭޓްތައް މަތިވުމެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ އިންފްލޭޝަން ވަނީ މައްޗަށް ޖެހެން ފަށައިފަ އެވެ. އެގޮތުން މިއަހަރު ފެށުނުއިރު އިންފްލޭޝަން ވަނީ %5އަށް ވުރެ މައްޗަށް ޖެހިފަ އެވެ. ދުނިޔޭގެ އިގްތިސާދަށް މި އަންނަ ބަދަލުތަކުން އެ އަދަދު އިތުރަށް މައްޗަށް ދިޔުމުގެ ފުރުސަތު އެބަ އޮތެވެ.
ރާއްޖޭގެ ބޭރުގެ ދަރަނި އިންތިހާއަށް ބޮޑުވުމުގެ ކަންބޮޑުވުން އޮތް އިރު، މިއަހަރު 600 މިލިއަން ޑޮލަރު އަދި އަންނަ 2026ގައި ރާއްޖެއިން 1 ބިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ޑޮލަރުގެ އަގު ދަށްވާން ފެށުމުން ރާއްޖޭން ޑޮލަރުން އަދާ ކުރަން ޖެހޭ ދަރަނި ދައްކަން ކުރަން ޖެހޭ ހަރަދު ކުޑަވާނެ ކަމަށް ގަބޫލު ކުރެވުނަސް އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި މައިގަނޑު ކަންބޮޑުވުމަކީ ދަރަނި އަދާކުރުމަށް ބޭނުންވާ ޑޮލަރު ފަތުރުވެރިކަމުން ހޯދުމުގެ ގާބިލްކަން މި އަންނަ ބަދަލުތަކާ އެކު ކުޑަވުމުގެ ކަންބޮޑުވުން އޮތުމެވެ.
"ވިޔަފާރީގެ ހަނގުރާމައެއްގެ ސަބަބުން ފަތުރުވެރިކަމުގެ އާމްދަނީ ދަށްވެއްޖެނަމަ، ޑޮލަރުގެ އަގު ދަށްވުމުގެ ފައިދާ މާ ބޮޑަކަށް ނުކުރާނެ،" އެބޭފުޅާ ވިދާޅުވި އެވެ.
މީގެ އިތުރަށް ޑޮލަރުގެ އަގު ދަށްވުމުން އެހެން ގައުމުތަކުގެ ފައިސާއިން މިސާލަކަށް ޔެން އަދި އިންޑިއަން ރުޕީސް ފަދަ ތަކެތިން އަގު ދައްކަން ޖެހޭ މުދަލުގެ އިމްޕޯޓަށް ހިނގާ ހަރަދު ބޮޑުވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެއްޖެ ނަމަ އިމްޕޯޓަށް ކުރާ ހަރަދު ވެސް ކުޑައެއް ނުވާނެ އެވެ.
އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަކީ ދަރަނީގެ ނުރައްކަލުގެ މަތީ ފަންތީގައިވާ ގައުމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. ޓްރަމްޕުގެ އާ ޓެރިފް ސިޔާސަތުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާ އެކު ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ނާޒުކުވުމުގެ ބިރު މި ދަނީ ބޮޑުވަމުންނެވެ.
އިގްތިސާދީ މާހިރުން ލަފާކުރައްވާ ގޮތަށް ޓްރަމްޕްގެ ޓެރިފް ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތައް އެގޮތުގައި ދެމިހުރެއްޖެ ނަމަ ރާއްޖެއަށް އިގްތިސާދީ ގޮންޖެހުންތައް ބޮޑުވާނެ އެވެ. އެކަންކަމުން ސަލާމަތްވާން އަޅަން ޖެހޭ ފިޔަވަޅުތަކުގެ ގޮތުގައި އިގްތިސާދީ ދާއިރާގެ ބޭފުޅަކު ފާހަގަ ކުރެއްވީ:
ބޭކާރު ހަރަދު ކުޑަކޮށް މާލީ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުން
ދަރަނި މެނޭޖްކޭޖްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަޑިތަކުގައި ހިފަހައްޓައި ދަރަނި މެނޭޖް ކުރަން ދުރާލާ ރޭވައި ތައްޔާރުވުން
ބޭރު ފައިސާގެ ރިޒާވް އިތުރުކުރަން ފިޔަވަޅުތައް އެޅުން
މީގެ އިތުރަށް، އޭނާ ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕްގެ ޓެރިފްއާ އެކު ރާއްޖެއަށް ފައިދާތަކެއް ވެސް ނެގެން އެބަ އޮތެވެ. އެއީ މަސްވެރިކަން ފަދަ ރާއްޖޭގެ އެތެރޭގެ އުފެއްދުންތެރިކަން މިވަގުތަށް އިތުރުކުރުމަށް ސަމާލުކަން ދިނުމެވެ. އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ މަހުގެ ވިޔަފާރީގައި ރާއްޖެއާ ވާދަކުރާ ގިނަ ގައުމުތަކަށް އެމެރިކާއިން ބޮޑެތި ޓެރިފްތަކެއް ކަނޑައެޅި ނަމަވެސް ރާއްޖެއަށް އޮތީ %10 އެވެ. އެހެންކަމުން ދިވެހި މަހުގެ އުފެއްދުންތައް އަގު ހެޔޮކޮށް ބޭރުގެ މާކެޓްތަކުގައި ވިއްކިދާނެ އެވެ. އެހެންވެ، މަހުގެ އެކްސްޕޯޓް އިތުރުކުރަން ސަމާލުކަން ދިނުމުގެ މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޓްރަމްޕްގެ ޓެރިފް ހަނގުރާމަ: ރާއްޖެއަށް ބިރު ކުޑައެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ