ޒައިދާންގެ 11 މައްސަލައެއް ބަލަނިކޮށް، ފޭކް ސްލިޕުން 73،000 ރުފިޔާގެ މުދާ ހޯދުމުގެ ތުހުމަތެއް
މަކަރާއި ހީލަތުން ގިނަ އަދަދެއްގެ މީހުންގެ މުދާ ހޯދައިފައިވާ ކަމަށް ތުހުމަތު ކުރެވޭ, ޒައިދާން މުޙައްމަދު ހާޝިމް އިތުރު މައްސަލައެއްގައި މިދިޔަ އަންގާރަ ދުވަހު ހައްްޔަރުކޮށްފިއެވެ. މި މައްސަލައިގައި ޒައިދާންގެ އިތުރުން ބަންގްލަދޭޝަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ އަފްރިން އަކްތަރު (30އ) ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، މިދިޔަ މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލައެއް އެ މަހުގެ 16 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކަށް ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން ޒައިދާން މުދާ ހޯދާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާއިރު، އެ އެޕާޓްމަންޓުތައް ބަލައި ފާސްކޮށް، މައްސަލައިގެ ތަހުގީގާ ގުޅުންހުރި ތަކެތި ފުލުހުން ވަނީ ހޯދާފައެވެ. އެގޮތުން، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ހުޅުމާލޭގައި ހުންނަ ފިހާރައިން 36،467 ރުފިޔާގެ ތަކެތި ހޯދައިފައިވާ ކަމަށް ބެލެވޭއިރު މާލޭގެ އެއް ފިހާރައިން 31،150 ރުފިޔާގެ ތަކެތި އަދި ދެވަނަ ފިހާރައިން 5،817 ރުފިޔާގެ ތަކެތި، ޒައިދާން އޮޅުވާލައިގެން ހޯދާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަފްރިން އަކްތަރު ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ، ޒައިދާން މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށްދާ ކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ރެސްޓޯރެންޓްތަކާއި ކެފޭތަކުން ގެތަކަށް ކާބޯތަކެތި ޑެލިވަރީ ކޮށްދޭ އެޕްލިކޭޝަނެއް ކަމަށްވާ ފުޑީސް މެދުވެރިކޮށް އެތައް ދުވަހެއްގެ މަތިން ކާބޯތަކެތި ގެނެސް, ފައިސާ ދެއްކި ކަމަށް ބުނެ ފޭކް ސްލިޕްތަކެއް ފޮނުވި މައްސަލައިގައި މިދިޔަ މަހުގެ 25ގައި ވެސް ޒައިދާން ހައްޔަރުކުރިއެވެ. https://sun.mv/206457 އެފަހަރު ވެސް 9000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ ކާބޯތަކެތި ގެންގޮސްފައިވާ ކަމަށް ފުޑީސް ޑެލިވަރީން ވަނީ ބުނެފައެވެ. އޭގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި އޭނާ ހައްޔަރު ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ