ޕައިލެޓަކަށް ވާން ކިޔަވަން ސްކޮލާޝިޕް ދިނުން މަޑުޖައްސާލައިފި

ޕައިލެޓްކަން ކިޔަވަން ސަރުކާރުން އިތުރަށް ސްކޮލާޝިޕް ދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޕައިލެޓްކަން ކިޔަވައިގެން ތިބި އެތައް ކުދިންނެއް ވަޒީފާ ނެތި ރާއްޖޭގައި އެބަތިބި ކަމަށާއި އެކަމަށް ހައްލު ހޯދަން ސިޔާސަތުތަކަށް ބަދަލު ގެންނަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވިދާޅުވެފަ އެވެ.
ތަފްސީލް - މިދިޔަ ހުކުރު ދުވަހު ގެނެސްދިން 'އަހާށޭ ބުނާނަން' ޕްރޮގްރާމުގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، ވަޒީފާ ނުލިބި ތިބި ޕައިލެޓުންނަށްް ވަޒީފާ ނުލިބުމުގެ މައްސަލައަކީ "ޖީލަކަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް" ކަމަށާއި މައްސަލަ ހައްލު ކުރުމަށްޓަކާ ކުރެވޭނެ ކަންތައްތައް ބަލައި މިހާރު އޮތް މިންގަނޑަށް ވުރެ އިތުރަށް ކެޑޭޓު ޕައިލެޓުންނަށް ވަޒީފާ ދޭން އެއާލައިންތަކަށް މަޖުބޫރުކޮށްފައިވާނެ ކަމަށެވެ.
"މިހާރަކު އިތުރަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން ސަރުކާރަކުން ޕައިލެޓް ޓްރެއިނިންއަށް އިތުރަށް މިވަގުތު ފުރުސަތު ހުޅުވާލާނެއެކޭ. މިވަގުތު ގައުމަކަށް ބޭނުމެއް ނުވޭ އިތުރަކަށް ކެޑޭޓު ޕައިލެޓުން އިތުރަށް ޓްރެއިން ކުރާކަށް،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުގައި 500އަށް ވުރެ ގިނަ މީހުންނަށް ޕައިލެޓް ޓްރެއިނިން ސްކޮލާޝިޕް ދިން ކަމަށާއި އެ ދާއިރާއަށް ދަނީ ވެސް ކިޔެވުމަށް އެންމެ މޮޅު މީހުން ކަމަށެވެ.
"އެ ކުދިންގެ ޕޭރެންޓުންނަށް ވެސް އެނގިވަޑައިނުގަންނަވާ ވަޒީފާގެ ހާލަތު އޮތް ގޮތެއް ނޫނީ އެ ކުދިންނަށް ވެސް ނޭނގޭ. އެހެންވީމާ ވަކި މަގުސަދެއް ހާސިލް ކުރުމަށް ގައުމަށް ބޭނުން ނުވާ އަދަދަށް ސްކޮލާޝިޕް ދިނީމާ ވާނެ ގޮތަކީ ވަރަށް ބޮޑަށް އެކްސެސް ވެފައި އެ އޮތީ. އަނެއްކާ އަމިއްލަ ހަރަދުގައި 200 ވަރަކަށް ކުދިން ކިޔަވަމުން ދިޔަ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ބައެއް ގައުމުތަކުގައި ގާނޫނު އޮންނަނީ ކެޑޭޓު ޕައިލެޓުންގެ ވަޒީފާ ބޭރު މީހުންނަށް ނުދެވޭ ގޮތަށް ކަމަށާއި ރާއްޖޭގައި ވެސް މިހާރު އެ ވަޒީފާ ބޭރު މީހުންނަށް ނުދޭނެ ކަމަށެވެ.
"އެކަމަކު ވަޒީފާ އުފެދޭ ވަރަކަށް ނޫނީ ދެވެން އޮންނަ ވަރަކަށް އެއާލައިންތަކަށް ދެވޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
"500އަށް ވުރެ ގިނަ ކުދިންނަށް [ޕައިލެޓް ޓްރެއިނިން] ސްކޯލާޝިޕް ދީގެން އެ ކުދިން ނިމިގެން އަންނައިރު، އަހަރެއްގެ ތެރޭގައި 24 ނޫނީ 25 ކުދިންނަށް ވަޒީފާ ދެވޭ ކަމަށް ވަންޏާ ދެން މި އަންނަ ކުދިންނަށް ނޫނީ އައިސް ތިބި ކުދިންނަށް ވާނެ ގޮތް ވިސްނާލާ. ކެޑޭޓު ޕައިލެޓުންގެ ލައިސެންސަކީ ވެސް އާ ކުރަން ޖެހޭ އެއްޗެއް. ވަޒީފާ އެ ކުދިންނަށް ނުލިބޭ ކަމަށް ވަންޏާ، ޓްރެއިނިން ނުލިބެންޏާ އޭގެ އެއްވެސް ބޭނުމެއް ނެތް."
އަމީން ވިދާޅުވީ:
އެވްރެޖުކޮށް ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރަނީ އަހަރަކު %7.5 އާއި %7ގައި ކަމަށް
އެއާއެކު އަހަރަކު އަލަށް ވަޒީފާ ލިބެނީ 20-22 ކެޑޭޓު ޕައިލެޓުންނަށް؛ އެއީ މޯލްޑިވިއަން އަދި ޓީއެމްއޭ އިން
އަމީން ވިދާޅުވީ ޕައިލެޓުކަން ކިޔަވަން އިތުރަށް ފުރުސަތު ނުދިން ނަމަވެސް، މިހާރު އެ ދާއިރާ އިން ކިޔަވަން ފުރުސަތު ލިބިފައިވާ ދަރިވަރުން ސްކޮލާޝިޕް ބަދަލުކުރަން ބޭނުންނުވާ ނަމަ އެ ކަމަށް ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށެވެ. އެއީ އެ ދަރިވަރެއްގެ އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ