މެދު އިރުމަތީގެ ގިނަ ގައުމުތަކުގެ ތެލާއި ގޭސް ބޭރުކުރާ މައި ކަނޑުއޮޅި ކަމުގައިވާ ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އިރާނުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި ކަމަށް އިރާނުގެ ޕްރެސް ޓީވީއާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފި އެވެ.
ހޮރުމޫޒު ކަނޑުއޮޅި ބަންދުކުރަން އިރާނުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދިނީ، އިޒްރޭލުން އެ ގައުމަށް ދެމުން ދިޔަ ހަމަލާތަކުގެ ތެރެއަށް އެމެރިކާ ވަދެ، އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަކަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
އިރާނަށް ދިން ހަމަލާތަކަށް ފަހު އެމެރިކާގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހަމަލާތައް ވަރަށް ކާމިޔާބު ކަމަށް ސިފަކުރަމުން، އިރާނުން އިޒްރޭލަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލާފަ އެވެ.
ހޮރުމޫޒު ކަނޑުއޮޅި ބަންދު ކުރަން އިރާނުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދިނަސް މި މައްސަލައިގައި ފަހު ބަސް ބުނާނީ އިރާނު ސަރުކާރުންނެވެ. އެ ގައުމުގެ ރިވޮލިއުޝަނަރީ ގާޑުގެ ބައެއް ވެރިންނާ ހަވާލާދީ ކޮންމެ ވަގުތެއްގައި ވެސް އެކަން ކުރަން ތައްޔާރަށް އޮތް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައި ވެ އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ދުނިޔޭގެ 20 ޕަސެންޓު ތެލާއި ގޭސް ދަތުރުކުރާ މި ކަނޑުއޮޅި ބަންދުކުރުމުގެ ނުރަނގަޅު އަސަރު ކުރާނެ އެވެ. ވަކިން ހާއްސަކޮށް މި ކަނޑުއޮޅި ބޭނުންކޮށްގެން ތެލާއި ގޭސް ބޭރުކުރާ ސައުދީ އަރަބިއާ އާއި ޔޫއޭއީ އާއި އިރާގު ފަދަ ގައުމުތަކަަށް ކުރާ އަސަރު ބޮޑު ވާނެ އެވެ.
އިޒްރޭލުން އިސްވެ ދިން ހަމަލާތަކާ ގުޅިގެން އިރާނުން ވެސް ވަނީ އެ ގައުމުގެ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ފޮނުވާލާފަ އެވެ. މި ހަމަލާތަކުގައި އިޒްރޭލަށް މިހާތަނަށް ނުވާ ވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ހަބަރުތަކުން އަންނަނީ ބުނަމުންނެވެ.
އެމެރިކާއިން އިރާނަށް ހަމަލާދިން މައްސަލައިގައި ހުޅަނގުގެ ގިނަ ގައުމުތަކުން އެމެރިކާއާ އެކީގައި އޮތް ކަން ހާމަކޮށް އެ ގައުމަށް ތާއީދުކުރި ނަމަވެސް، މެދު އިރުމަތީގެ ގިނަ ގައުމުތަކުންނާއި ތުރުކީ އާއި ޗައިނާގެ އިތުރުން ރަޝިއާ ފަދަ ގައުމުތަކުން ވަނީ މި ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހޮރުމޫޒު ކަނޑުއޮޅި ބަންދު ކުރަން އިރާނުގެ ޕާލިމެންޓުން ރުހުން ދީފި: ރިޕޯޓުތައް ހޮރުމޫޒު ކަނޑުއޮޅި ބަންދު ކުރަން އިރާނުގެ ޕާލިމެންޓުން ރުހުން ދީފި: ރިޕޯޓުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ