އީރާނުން ބޭނުންނަމަ ހަފުތާއެއް ތެރޭ ނިއުކްލިޔާ 3 ބޮން އުފެއްދޭނެ

ތެހެރާން (1 ޖޫން 2025): އީރާނުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ފަންނީ، އިލްމީ އަދި ލޮޖިސްޓިކް ގާބިލުކަން އެބަހުރި ކަމަށާއި ބޭނުންނަމަ ހަފުތާއެއްގެ ތެރޭގައި އީރާނަށް ނިއުކްލިޔާ ތިން ބޮން އުފެއްދިދާނެ ކަމަށް އީރާނުގެ ނިއުކްލިޔާ ހަކަތައާބެހޭ އިދާރާގެ ވެރިޔާ ޑރ. ފަރީދޫން އައްބާސީ ވިދާޅުވެއްޖެއެވެ. އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ވާހަކަތަކާ ބެހޭގޮތުންނާއި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއެޅުމާ ބެހޭގޮތުން ދޭތެރެއަކުން އިސްރާއީލު ދޭ އިންޒާރުތަކާބެހޭގޮތުން އީރާނުގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފަރީދޫން އައްބާސީ ވިދާޅުވީ، އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކާއި ނިއުކްލިޔާ ގާބިލުކަން ހުރީ ބޮން އަޅައިގެން ހަލާކުކޮށްލެވޭ ވަރަށްވުރެ މާފުޅާކޮށް އަދި މާ ބޮޑަށް ރައްކާތެރި ކުރެވިފައި ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ އެތެރޭގައި ބޮންގޮއްވައިގެން ނިއުކްލިޔާ ސައެންސްވެރިންނާއި އިންޖިނޭރުން މަރައި އެތެރޭގެ ޓެރަރިސްޓުން ބޭނުންކޮށްގެން ނިއުކްލިޔާ ބައެއް ފެސިލިޓީތަކުގައި ހުޅުޖެހުންފަދަ ހާދިސާތައް ހިންގުމާއި ސައިބާ ހަމަލާތައް ދިނުންފަދަ ޓެރަރިޒަމްގެ އަމަލުތައް ދުޝްމަނުން (އިސްރާއީލުން) ދޭތެރެއަކުން ހިންގި ނަމަވެސް އެއީ އީރާނުގެ ނިއުކްލިޔާ ގާބިލުކަމަށް މާ ބޮޑު ބުރުލެއް އަރުވާލެވޭ ވަރުގެ ކަންތައްތަކެއް ނޫނެވެ. އައްބާސީ ވިދާޅުވި ގޮތުގައި އީރާނުން ނިއުކްލިޔާ ބޮން އުފައްދަނީ އެކަންކުރަން ބޭނުންނުވާތީއެވެ. އޭނާ ވިދާޅުވި ގޮތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދައިގެން އުތުރުކޮރެއާ ގޮތަށް ދުނިޔޭގައި އެކަހެރިވެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ޝިކާރައަކަށް ވެގެން އޮތުމަށްވުރެ އީރާން ބޭނުންވަނީ ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ޔަގީންކަން ދީގެން ނިއުކްލިޔާ ޓެކްނޮލޮޖީ މަދަނީ ބޭނުންތަކަށް ތަރައްގީ ކުރުމުގެ ހައްގު ކަށަވަރުކޮށްގެން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށެވެ. އެއީ، އެކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅު ކުރެވި އިގުތިސާދީ ގޮތުން ކުރިއަށްދާނެ ބޮޑު ފުރުސަތުތަކެއް އީރާނަށް ލިބޭނެތީއެވެ. ނަމަވެސް، އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ދުޝްމަނުން އިސްވެ ހަމަލާ ދީފިނަމަ އީރާނުގެ ނިއުކްލިޔާ ޑޮކްޓްރިންއާއި ސިޔތާސަތަށް ބަދަލުއަންނާނެ ބެލެވޭ ކަމަށާއި އެފަދަ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު އުފައްދަން ނިންމުމަކީ ވެސް ފަހަރުގައި އީރާނުގެ ލީޑާޝިޕުން ކޮށްފާނެ ކަމެއް ކަމަށް އައްބާސީ ވިދާޅުވިއެވެ. އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ވާހަކަތަކަށް މާ ބޮޑު ކުރިއެރުމެއް ނުލިބެއެވެ. އެއީ، ބައިނަލްއަގުވާމީ ގާނޫނުތަކުން އީރާނަށް ލިބިދޭ ޔޫރޭނިއަމް ފައްކާ ކުރުމުގެ ހައްގު ދޫކޮށްލަން އީރާނަށް މަޖުބޫރުކުރަން އެމެރިކާ މަސައްކަތްކުރާތީއެވެ. އީރާން ގެންދަނީ މިހައްގު ދޫކޮށް ނުލާނެކަމާއި މި ހައްގުގެ ދިފާއުގައި ހަނގުރާމަ ކުރަން ވެސް އޮތީ ތައްޔާރަށްކަން ބުނެ އަންގަމުންނެވެ. ނަމަވެސް، ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ޔަގީންކަން ދެވިދާނެކަމަށް އީރާން ބުނެއެވެ. އިސްރާއީލާއި އެމެރިކާ ބޭނުންވަނީ އީރާނުގެ މުޅި ނިއުކްލިޔާ ޕްރޮގްރާމު ހަލާކުކޮށް ރޫޅާލުމަށެވެ. އަދި، މެދުއިރުމަތީގައި ނިއުކްލިޔާ އަމިއްލަ ޓެކްނޮލޮޖީ ހުރި ހަމައެކަނި ގައުމަކީ އިސްރާއީލު ކަމުގައި ހެދުމަށެވެ. އިސްރާއީލަކީ ސިއްރުން ނިއުކްލިޔާ ހަތިޔާރު ވެސް އުފައްދާފައިވާ އިސްތިއުމާރީ ޓެރިރިސްޓް އެންޓިޓީއެކެވެ. އިސްރާއީލާއި އެމެރިކާ ބޭނުންވަނީ މުޅި މެދުއިރުމަތި އިސްރާއީލުގެ ޑޮމިނޭޝަން ބޭއްވުމަށެވެ. އިސްރާއީލަށް ރައްދު ދެވޭވަރުގެ އެއްވެސް ބާރެއް މެދުއިރުމަތީގައި އުފަންވިޔަ ނުދޭށެވެ. އީރާނަށް ބިރުދައްކައި ދަތިކުރުމުގެ ފިޔަވަޅުތައް އަަޅާފައިވަނީ މި ސަބަބާ ގުޅިގެންނެވެ. ސައޫދީއާއި ޔޫއޭއީގައި ނިއުކްލިޔާ މަރުކަޒުތައް ބިނާކުރަނީ މި މަރުކަޒުތަކުގެ ހުރިހާ ކޮންޓްރޯލެއް އެމެރިކާއަށް އޮންނަ ގޮތަށެވެ. ޔޫރޭނިއަމް ވެސް އެމެރިކާގައި ފައްކާކޮށްފައި އެ ދެ ގައުމަށް ދޭ ގޮތަށެވެ. މިގޮތަށް ދޭ ޔޫރޭނިއަމްއިން ކަރަންޓް އުފެއްދުމާއި ބަލިތަކަށް ފަރުވާކުރުންފަދަ މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ބޭނުން ކުރުމަށެވެ. ނަމަވެސް، އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެެޖެންސީގެ ބެލުމުގެ ދަށުންނެވެ. ނިއުކްލިޔާ ބާރުވެރިކަމަކީ އަމިއްލަ ޓެކްނޮލޮޖީގައި ޔޫރޭނިޔަމް ފައްކާ ކުރުމުގެ ގާބިލުކަން ހޯދުމެވެ. މިކަން އެހެން ބަޔަކު ކޮށްދޭނަމަ އެ ގައުމަކީ ހަގީގަތުގައި ނިއުކްލިޔާ ގާބިލުކަން ހުރި ގައުމަކަށް ނުވާނެއެވެ. އަމިއްލަ ޓެކްނޮލޮޖީގައި މި ގާބިލުކަން ހޯދާފައިވާ އިސްލާމީ ދެގައުމަކީ ޕާކިސްތާނާއި އީރާނެވެ. އެމެރިކާ ސައޫދީއާއި ޔޫއޭއީ މި ހައްގުން މަހުރޫމުކޮށްފައިވަނީ އެ ދެ ގައުމަށް ބިރުދައްކައި ފިއްތުންތައް ކުރިމަތިކޮށްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާން ގޮތަށް ނިއުކްލިޔާ ހައްގުގެ ދިފާއުގައި އެމެރިކާއާ ކުރިމަތިލުމަކަށް ދިޔުމަކީ ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުމަކީ މި ދެ ގައުމު ބޭނުންވާ ގޮތް ކަމަށް ވެސް ނުވާތީއެވެ. އެއީ، ވޭންދެނިވި ބުރަ އަދި ބިރުވެރިކަމަކަށް ވާތީއެވެ. އަމިއްލަ ޓެކްނޮލޮޖީގައި ނިއުކްލިޔާ ޕްރޮގްރާމް ކުރިއަށްގެންދަން އުޅުނު އިރާގާއި ސޫރިޔާގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްރާއީލުން ބޮންއަޅައި އެ ތަންތަންވަނީ ހަލާކުކޮށްލާފައެވެ. ލީބިޔާގެ ނިއުކްލިޔާ މަރުކަޒުވަނީ ބިރުދައްކައިގެންނާއި ފިއްތުންތައް ކުރިމަތިކޮށްގެން ރޫޅާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ