ފޭސް 2ގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު 2 ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ މި ސަރުކާރުން ބިންގާ އެޅި އެންމެ ފުރަތަމަ ސްކޫލް، މި އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށާއި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ 1,700 ކުދިންގެ ޖާގައިގެ ސްކޫލްގެ ބިންގާ މި ސަރުކާރުން އެޅީ ޑިސެމްބަރު 25، 2023ގައެވެ. އެ ސްކޫލްގެ މަސައްކަތަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެޑިއުކޭޝަން މިނިސްޓްރީއާއި ރަޝީދު ކާޕެންޓްރީ ކޮމްޕެނީ (އާރްސީސީ) ގުޅިގެން ހިންގާ މަޝްރޫއެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ހުޅުމާލެ ފޭސް ދެއަކުން ގިނަ އަދަދެއްގެ ދަރިވަރުން އަދިވެސް މާލެއަށް އަންނަ ކަމަށް ވިދާޅުވެ، އެކަމަށް ހައްލެއް ލިބޭނީ ކޮން އިރަކުތޯ ސުވާލުކުރައްވައިފައެވެ. އެ ސުވާލަށް ޖަވާބުދެއްވައި މިނިސްޓަރު ޝަފީއު ވިދާޅުވީ ފޭސް ދޭއްގައި މީހުން ގާއިމުވި ފަހުން ފަސް އަހަރު ވޭތުވެ ދިޔައިރު ވެސް އޭރުގެ ސަރުކާރަށް އެޅުނީ އެންމެ ސްކޫލެއް ކަމަށެވެ. އެއީ ސަލާހުއްދީން ސްކޫލް ކަމަށާއި، މި ސަރުކާރުން ވެރިކަމަށް އައި އިރު އެ ސްކޫލްގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރީ ގިނަ ކުދިންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޝަފީއު ވާހަކަދައްކަވަނީ -- ފޮޓޯ/ މަޖިލިސް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ދެވަނަ ފިޔަވަހީގެ 16ވަނަ ހިޔާ ޓަވަރު ކައިރީ އިމާރާތްކުރާ ސްކޫލްގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހު އެއްކޮށް ނިމޭނެ ކަމަށެވެ. "އިރާދަކުރެއްވިއްޔާ 54 ކްލާސްރޫމްގެ ސްކޫލް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމިގެންދާނެ. އަޅުގަނޑު އުންމީދުކުރަނީ އެ ސްކޫލް ނިމުމާއެކުގައި ފުދޭވަރަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ. https://sun.mv/186535 މިނިސްޓަރު އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތަށް މި އަހަރު ތެރޭ އިތުރު ދެ ސްކޫލެއްގެ މަސައްކަތް ހުޅުމާލޭގައި ފަށާނެ ކަމަށެވެ. އެގޮތުން ފޭސް ދޭއްގައި އެއް ސްކޫލާއި ފޭސް އެކެއްގައި އެއް ސްކޫލްގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޝަފީއު ވިދާޅުވީ، އެ ސްކޫލް ވެގެންދާނީ އެތައް ދުވަހެއް ވަންދެން ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ ދަރިވަރުން ތަހައްމަލުކުރި ދައްޗަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ. އެ ސްކޫލާއެކު ދެވަނަ ފިޔަވަހިން ބަހުގައި މާލެއަށް ނުވަތަ ހުޅުމާލެ ފޭސް އެކަކަށް ދަތުރުކޮށްގެން ސްކޫލަށް ދާ ދަރިވަރުންގެ ތަކުލީފަށް ނިމުމެއް އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ