ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ފުރުސަތު ދޭންޖެހޭ: މެމްބަރު ޢީސާ

ވިލާ ކޮލެޖުން ހޯދާފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ރިއާޔަތްކުރާއިރު، އެ ކޮލެޖު ޔުނިވާސިޓީ އަކަށް ބަދަލުކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވިދާޅުވެއްޖެއެވެ.
މެމްބަރު އީސާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރުމަށް ހުޅުވާލުމުން ލިބިވަޑައިގަތް ފުރުސަތުގައި ވާހަކަދައްކަވަމުންނެވެ.
މި އިސްލާހަކީ، ދިވެހިރާއްޖޭގައި ހުރި ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް ބޭނުންވާ މައިގަނޑު ޝަރުތުތަކަކީ އެތަންތަން ވަކި މުއްދަތަކަށް ހިންގުންކަމަށް އޮތް އުސޫލު ބަދަލުކޮށް، ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކަކީ ކޮލެޖުތަކުން ފޯރުކޮށްދޭ ޚިދުމަތަށް ރިއާޔަތްކޮށް ކަނޑައެޅޭ ޝަރުތުތަކެއްގެ ގޮތުގައި ހެދުމަށް ހުށަހަޅުއްވާފައިވާ އިސްލާހެކެވެ. މި އިސްލާހުގެ ބޭނުމަކީ އެކަށީގެންވާ ފެންވަރުގައި ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ކޮލެޖުތަކަށް ބާރުއެޅުން ކަމުގައި ބިލު ހުށަހެޅުއްވި މެމްބަރު ވިދާޅުވިއެވެ.
މި ބިލަށް ބަހުސް ކުރައްވަމުން މެމްބަރު އީސާ ވިދާޅުވީ، މި ބިލު އެންމެ ފުރިހަމަކަމަށް ގަބޫލު ނުކުރެއްވުނަސް، މި ބިލުގެ ކޮންސެޕްޓަކީ މަޖިލީހުގެ ތެރެއިން އެކަމަށް ރިއާޔަތްކުރަންޖެހޭ ކޮންސެޕްޓެއް ކަމަށާއި އެހެންކަމުން މި ބިލު ބަލައިގަނެ ކަމާބެހޭ ކޮމިޓީއަށް ފޮނުވުމަށް ތާއީދުކުރައްވާ ކަމަށެވެ.
މި މައުލޫގައި ވާހަކަދައްކަވަމުން އީސާ ވަނީ، ރާއްޖޭގައި ހުރި ހަމައެކަނި ޔުނިވާސިޓީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މަތީ ތައުލީމު ހާސިލްކުރުމަށް އެތައް ދާއިރާއެއް ހުރިއިރު، މި ހުރިހާ ދާއިރާއަކުން ތައުލީމު ހޯދަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް އެކަށީގެންވާވަރަށް އެ ޔުނިވާސިޓީން ޖާގަ ނުލިބުމުގެ ކަންބޮޑުވުން ވަރަށް ގިނަ ދަރިވަރުން ފާޅުކުރާކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ބެލެނިވެރިއަކީ އެމީހުންގެ ދަރިން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތައުލީމު ހޯދައިދެވޭނެ މާލީ ތަނަވަސްކަން ހުރި ބެލެނިވެރިއަކަށް ނުވާއިރު، މިފަދަ ކަންކަމަށް ހައްލު ހޯދައިދޭން ޖެހޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.
އަދި ސްޓޫޑެންޓް ލޯން މެދުވެރިކޮށް ދަރިވަރުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކިޔަވައިދޭ އަދަދު އިތުރުކުރުމުން އެކަމުގައި އިގްތިސާދީ މައްސަލަތަކެއް ކުރިމަތިވާނެކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖެއަށް ލިބޭ ބޭރުފައިސާ މިކަމުގެ ތެރެއިން ރާއްޖެއިން ބޭރުވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މި މައުލޫގައި އިތުރަށް ވާހަކަދައްކަވަމުން ޢީސާ ވިދާޅުވީ، ވިލާ ކޮލެޖަކީ މިހާރު ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު އިތުބާރުހިފޭ ކޮލެޖެއް ކަމަށާއި، ލިބިފައިވާ މައުލޫމާތަށް ބަލާއިރު ވިލާ ކޮލެޖަކީ މިއަދު ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ފުރުސަތު ދޭން ޖެހޭ ކޮލެޖެއް ކަމަށް ހިތުގެ އަޑިން ގަބޫލުކުރައްވާ ކަމަށެވެ.
އަދި އެހެން ގައުމުތަކުގައި ތައުލީމީ ހިދުމަތްދޭ އަހަރުތަކަށް ރިއާޔަތްކޮށް ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ފުރުސަތު ދެނީ، އެ ގައުމުތަކުގައި އެތައް އަހަރުތަކެއް ވަންދެން ހިދުމަތްދޭ ޔުނިވާސިޓީ ތަކެއް މިހާރުވެސް ހުރެމެ، އެ ގައުމުތަކުގައި މަދުނުވާ މިންވަރަށް ޔުނިވާސިޓީތަކުން ދަރިވަރުންނަށް ފުރުސަތު ލިބޭތީކަން މެމްބަރު އީސާ ފާހަގަކުރެއްވިއެވެ.
ވިލާ ކޮލެޖަކީ 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވިލާ ގްރޫޕުގެ ޗެއާމަން ޤާސިމް އިބްރާހިމް ޤާއިމްކޮށްދެއްވި ކޮލެޖެކެވެ. އެތައް ހާސް ދަރިވަރުންތަކެއް ތައުލީމު ހާސިލުކޮށް، ދިރިއުޅުން އުޖާލާކޮށް ދަސްވެނިވެފައިވާ މި ކޮލެޖަކީ ދިވެހިރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ކާމިޔާބު، އެންމެ ބޮޑު އަދި އެންމެ ގިނަބައެއްގެ އިތުބާރު ހޯދާފައިވާ ކޮލެޖެވެ. ވިލާ ކޮލެޖުން މިހާތަނަށް ދަސްވެނިވި ދަރިވަރުންގެ އަދަދު 15،899 އަށް އަރާފައިވާކަން ފާހަގަކުރެވެއެެވެ.
ރާއްޖޭގައި މިވަގުތު ވިލާ ކޮލެޖުގެ 7 ކެމްޕަސް އެއް ހުރެއެވެ. އެއީ މާލޭގައި ހުންނަ ޤާސިމް އިބްރާޙިމް ކެމްޕަސް، ހުޅުމާލޭގައި ހުންނަ ކެމްޕަސް އާއި ފުވައްމުލަކު ސިޓީގައި ހުންނަ ކެމްޕަސްގެ އިތުރުން ށަވިޔަނި ފުނަދޫގައި ހުންނަ ލޭކްސައިޑް ކެމްޕަސް އަދި އޭދަފުށި ކެމްޕަސް އާއި މަހިބަދޫ ކެމްޕަސްގެ އިތުރުން ނައިފަރު ކެމްޕަސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ