މިއަދު ވެސް ބޮޑު ސަރަހައްދަކަށް މޫސުން ގޯސް، 40 މޭލަށް ވައި ގަދަވާނެ

ރާއްޖޭގެ ދެކުނުގެ ސަރަޙައްދަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށާއި 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް ބެލެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވެއެވެ. އަދި އެހެން އަތޮޅުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނަކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނޭކަމަށް ލަފާކުރެވެއެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނޭކަމަށް ބެލެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާމެދު ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ.
ރާއްޖޭގެ ދެކުނުގެ ހިސާބުތަކުގައި ކަނޑުތަކުގެ ރާޅުގެ އުސްމިން 3 ފޫޓާ 5 ފޫޓާއި ދެމެދުގައި އަދި މެދުރާއްޖެތެރެއާއި އުތުރުގެ ހިސާބުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާއި ދެމެދުގެ އުސްމިނުގައި ހުންނާނެކަމަށް ލަފާކުރެވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ މާދާމާއިން ފެށިގެން އަލިކުރާނެކަމަށް ބެލެވުނު ކަމުގައިވިޔަސް، އަންނަ ހޯމަ ދުވަހުގެ ފަހުން މޫސުން އިތުރަށް ގޯސްވާނޭކަމަށް ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ