ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތަކަށް ބަލާއިރު މި އަހަރު ކަރަންޓް އެކައުންޓްގެ ދަރަނި 690.7 މިލިއަން ޑޮލަރު (10.6 ބިލިއަން ރުފިޔާ) އަށް އިތުރުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެ ބޭންކުން ނެރުނު އިގްތިސޯދީ ރިވިއުގައި ބުނެފައި ވަނީ ކަރަންޓް އެކައުންޓްގެ ދަރަނި މިންވަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ 28 ޕަސެންޓް ކަމަށެވެ.
މަރުކަޒީ ބޭންކުން ބުނީ ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް، މުޅި ޖުމްލަ ޑެފިސިޓް މިދިޔަ އަހަރާ އަޅާބަލާއިރު ކުޑަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އެ ޑެފިސިޓް ކުޑަވުމުގެ މައިގަނޑު ސަބަބަކީ، ރާއްޖޭގައި ކުރާ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) އިތުރުވާނެ ކަމަށް ލަފާކުރެވޭތީ ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.
އެ އޮތޯރިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކަރަންޓް އެކައުންޓް ދަރަނި މިންވަރު ވޭތުވެދިޔަ ފަސް އަހަރު ދުވަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ދެހާސް ނުވަ ވަނަ އަހަރު 220.8 މިލިއަން ޑޮލަރުން 196.1 މިލިއަން ޑޮލަރަށް 2010 ވަނަ އަހަރު ދަށްވި އެވެ. ނަމަވެސް 2011 ވަނަ އަހަރު 436.8 މިލިއަން ޑޮލަރަށް އިތުރުވުމަށް ފަހު މިދިޔަ އަހަރު ވަނީ 600.5 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
އެމްއެމްއޭ އިން ބުނީ ޓްރޭޑް ބެލެންސް ނުވަތަ މަހުން މަހަށް އަދި އަހަރުން އަހަރަށް ބަލާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޓްރޭޑް ޑެފިސިޓް ބޮޑުވެފައިވާ ކަމަށެވެ. އަދި ޓްރޭޑް ޑެފިސިޓް ބޮޑުވެފައި ވަނީ އެކްސްޕޯޓް ދަށްވުމާއެކު އިމްޕޯޓް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ކަރަންޓް އެކައުންޓް ދަރަނި މި އަހަރު 690.7 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ