ގާސިމް ފުލުހަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ. ޖުމްހޫރީ ޕާޓީގެ ސްޕޯކްޕާސަން އަލީ ސޯލިހު މިއަދު ސަން އަށް ވިދާޅުވީ މިއަދު ހަވީރު 4:00 ޖަހާއިރު ގާސިމް ޕޮލިހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި ގާސިމް ފުލުހުންގެ އިދަރާއަށް ހާޒިރުކުރަނީ ފޯން ހުޅުވުމަށެވެ. މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ގާސިމްގެ މޯބައިލް ފޯން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ދާދިފަހުން ފުލުހުންވަނީ ކޯޓް އަމުރެއްގެ ދަށުން ގާސިމް ހައްޔަރު ވެސް ކޮށްފައެވެ. ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން މިއަދު ގާސިމް އިބްރާހިމްގެ އަމިއްލަ ގެކޮޅު، މ. މާފަންނުވިލާ އާއި އެމަނިކުފާނުގެ އަމިއްލަ ކުންފުނި ވިލާ ގްރޫޕުގެ މައި އޮފީސް ހިންގާ އިމާރާތް ވެސް ބަލައި ފާސްކޮށްފަ އެވެ. ގާސިމްގެ މައްޗަށް ތުހުމަތު ކުރަނީ ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމަށެވެ. ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތް ވެސް މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ