ކޮންމެ ކުއްޖަކީ ސަރުކާރަށް ޚިދުމަތް ކުރަންޖެހޭ ބަޔަކަށް ހަދާނަން: އުމަރު

ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ މަދުވެގެން އެއް އަހަރު ވަންދެން ސަރުކާރަށް ޚިދުމަތް ކުރަންޖެހޭ ކުއްޖެއް ކަމަށް ހައްދަވާނެ ކަމަށް މިނިސްޓަރު އޮފް ހޯމް އެފެއާޒް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު އެގޮތަށް ވިދާޅުވީ "ބްލޫޒް ފޯ ޔޫތު"ގެ ނަމުގައި ފުރާވަރު ކުދިންނަށް ޚާއްސަކޮށްގެން މިއަދު ފެށި ހަތަރު ދުވަހުގެ ކޭމްޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އުމަރު ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުގެ އިސް ނެންގެވުމުގެ މަތިން ފެށުނު އެ ހަރަކާތް އިތުރަށް ފުޅާކޮށް ގައުމީ ފެންވަރަކަށް އެ ހަރަކާތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ ސްކޫލް ނިންމާ ކޮންމެ ކުއްޖަކީ ގައުމީ ޚިދުމަތުގައި މަދުވެގެން އެއް އަހަރު އުޅެފައިވާ ކުއްޖަކަށް ހެދުން ކަމަށް ވިދާޅުވި އެވެ.
" އަޅުގަނޑުމެން ބޭނުން ސްކޫލް ނިންމައި ނިކުންނަ ކޮންމެ ކުއްޖަކީ ނޭޝަނަލް ސާވިސްގައި ދެ އަހަރު ނުވަތަ މަދުވެގެން އެއް އަހަރު އުޅެފައިވާ ކުއްޖަކަށް ހަދަން، އިރާދަކުރެއްވިއްޔާ މިއަދު ކޮމިޝަނަރު އޮފް ޕޮލިސްގެ އިސް ނެންގެވުމުގެ މަތިން ފެށޭ މި މަސައްކަތް އަޅުގަނޑުމެން އެ ހިސާބަށް ގެންދާނަން" އުމަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް އެއްވެސް ހިފެހެއްޓުމެއް ނެތި ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި އެކަމުގައި ފުލުހުން ކުރާ މަސައްކަތުގައި ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުން ހުރެދާނެ ކަމަށާއި ނަމަވެސް އެ މަސައްކަތުގައި ފުލުހުން ދެމި ތިބޭނެ ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ގައުމެއްގެ އެންމެ ބޮޑު ރައުސްމާލަކީ އެ ގައުމެއްގެ ޒުވާނުން ކަމަށާއި މިއަދު ފެށި އެ ކޭމްޕްގެ ސަބަބުން ޒުވާނުންނަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ބްލޫޒް ފޯ ޔޫތު" ގެ ނަމުގައި މީގެ ކުރިން އައްޑޫގައި ވެސް އެފަދަ ކޭމްޕެއް ބާއްވާފައިވެ އެވެ. މިއަދު ފެށި ކޭމްޕް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ފޭދޫ ފިނޮޅުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ