ހުޅުމާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އަހަރަކު 25 ޕަސެންޓް އިތުރުވޭ: ސްޓެލްކޯ

ހުޅުމާލޭގައި ފަހަކަށް އައިސް ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވަމުންދާއިރު، އެ ރަށުގައި ކަރަންޓް ބޭނުންކުރާ މިންވަރު އަހަރަކު 25 އާއި 30 ޕަސެންޓާ ދެމެދު އިތުރުވަމުން އަންނަ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.ބިން ހިއްކައިގެން މީހުން އާބާދުކޮށްފައިވާ ބޮޑު ރަށުގައި ކަރަންޓް ދޭތެރެ ދޭތެރެއިން ކެނޑުމުގެ މައްސަލަ ދަނީ ބޮޑުވަމުންނެވެ. އަދި އެ މައްސަލަ ހައްލުނުކުރެވި ގިނަ ދުވަސްތަކެއްވަމުން ދާތީ އެ ރަށުގައި ދިރިއުޅޭ މީހުން ދަނީ ޝަކުވާކުރަމުންނެވެ.މިދިޔަ އަންގާރަ ދުވަހު ސްޓެލްކޯގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު ވިދާޅުވީ މާލެ އަށް ވުރެ ހުޅުމާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެ ރަށުގައި ކަރަންޓް ކެނޑެން ދިމާވާ މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ޝުކޫރު ވިދާޅުވި އެވެ."އަޅުގަނޑަށް އިނގޭ މިއީ ވަރަށް ހޫނު ދުވަސްވަރެއްކަން. އެހެންވެ ވީވަރަކުން ކަރަންޓް ކަނޑާނުލައި 24 ގަޑިއިރު ކަރަންޓް ދެވޭތޯ މިދަނީ މަސައްކަތްކުރަމުން. އަޅުގަނޑު އުއްމީދުކުރަން ކަރަންޓް ކެނޑުނަސް ރައްޔިތުން ކެތްތެރިވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.ޝުކޫރު ވިދާޅުވީ މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އަހަރަކު ހަތް ޕަސެންޓް އިތުރުވާއިރު ހުޅުމާލޭގައި 25 އާއި 30 ޕަސެންޓް ދޭތެރޭ އިތުރުވާ ކަމަށެވެ."ވީވަރަކުން ކަރަންޓްގެ ހިދުމަތް މެދުކަނޑާނުލައި ދެވޭތޯ މިދަނީ މަސައްކަތްކުރަމުން. އެކަމަކު މާލޭގައި ވެސް މިހާރު ބޭނުންކުރަމުން އަންނަ އެންމެ ބޮޑު ދެ ޖަނަރޭޓަރުން ކުރެ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑަން ޖެހޭނެ،" ޝުކޫރު ވިދާޅުވި އެވެ.އާބާދީގައި 30،000 މީހުން ހިމެނޭ ހުޅުމާލެ އިން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވެފައި މިވަނީ، ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެ ރައްޔިތުންގެ ޝަކުވާ ބޮޑުވުމާ ގުޅިގެން އެ މައްސަލަ ހައްލުކޮށްފައިވާ ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ދީފައި ވަނިކޮށެވެ.ހުޅުމާލޭގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި އެ އަވަށުން އިއްޔެ ދެތިން ފަހަރަށް ކަރަންޓް ކެނޑުނެވެ. މިހާރު ވެސް ބައެއް ސަރަހައްދުތަކުގައި ކަރަންޓް ނެތް ކަމަށް ބައެއް މީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ