ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅުއްވާތޯ ބަލަން މެމްބަރު އާޒިމް އެދިވަޑައިގެންފި

ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް، ރައީސް އަބްދުﷲ ޔާމީންގެ މުދަލާއި ފައިސާގެ ބަޔާން ހުށަހަޅުއްވާތޯ ސާފުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރަކު އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތުގެ އަރިހުން މިއަދު އެދިވަޑައިގެންފި އެވެ. ގާނޫނުއަސާސީގެ 120 ވަނަ މާއްދާގައި ވަނީ "ކޮންމެ އަހަރަކުމެ، ރައީސުލްޖުމްހޫރިއްޔާ، އޭނާގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓަ ޖެނެރަލަށް ހުށަހަޅަންވާނެ އެވެ،" މިހެންނެވެ.އެ މާއްދާގައިވާ ގޮތަށް ރައީސް ޔާމީން އަމަލު ކުރައްވާތޯ ސާފުކޮށްދެއްވަން އޮޑިޓަ ޖެނެރަލަށް ހުށަހެޅުއްވި، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައީސް ޔާމީން ބަރާބަރަށް އެކަން ކުރައްވާ ނަމަ، އެމަނިކުފާނުގެ މާލީ ބަޔާން ލިބޭނެ ގޮތް ހައްދަވައި ދެއްވަން ވެސް އެދިވަޑައިގެންފައިވާނެ ކަމަށެވެ. "މިހާ ގިނަ އަދަދެއްގެ ފައިސާ އަށް ރައީސް ޔާމީން ހިޔާނާތްތެރިވެފައިވާ ކަމަށް ވާހަކަ ދެކެވޭއިރު، އޭގެ ހަގީގަތް ބެލުން އަޅުގަނޑުގެ ބޭނުމަކީ. ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގައި [އެއް މިލިއަން ޑޮލަރު] އެބަހުރި ކަމަށް ބުނާއިރު، އެ އަދަދާއި އޮޑިޓަ ޖެނެރަލަށް ރައީސް ޔާމީން ހުށަހަޅާފައިވާ އަދަދު ދިމާވޭތޯ ބެލުމަކީ ވެސް ބޭނުމެއް. ދިމާނުވަންޏާ އެއީ މައްސަލައެއް،" އާޒިމް ވިދާޅުވި އެވެ. ރައީސް ޔާމީން ކުޑަފަރީގައި މިދިޔަ ހަފުތާގައި ވާހަކަފުޅު ދައްކަވަނީ: އެމަނިކުފާނުގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރައްވާތޯ ބެލުމަށް މެމްބަރު އާޒިމް ވަނީ އޮޑިޓަ ޖެނެރަލަށް ހުށަހަޅުއްވާފައި.---ފޮޓޯ: ރައީސް އޮފީސް އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުން ވެސް މާލީ ބަޔާން ހުށަހަޅުއްވާއިރު އަދި ބޭންކްގައި ހުރި ދިވެހި ފައިސާ އާއި ޑޮލަރުގެ އަދަދު ވަކިވަކިން ހުށަަޅުއްވަން ޖެހޭއިރު، ރައީސް ޔާމީން ވެސް އެގޮތަށް އަމަލު ކުރައްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. "ގާނޫނުއަސާސީގައިވާ ގޮތަށް ރައީސް ޔާމީން އެމަނިކުފާނުގެ މުދަލާއި ފައިސާގެ ބަޔާން ހާމަނުކުރައްވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައަކަށް ވާނެ،" އާޒިމް ވިދާޅުވި އެވެ. އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ރޭ ރާއްޖެ ޓީވީގައި ވިދާޅުވީ ރައީސް ޔާމީން ރައްޔިތުންގެ "45 ބިލިއަން" ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްލާމިކް ބޭންކުގައި އޮންނަ ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ދެ
ފަހަރެއްގެ މަތިން އެއް މިލިއަން ޑޮލަރު ޖަމާކުރިކަމުގެ ފުރިހަމަ
ހެކި ލިބިފައިވެ އެވެ. އަދި އެކަމަށް ޗެލެންޖްކުރައްވަންޏާ ހެއްކާ އެކު ދެއްކެވުމަށް ވެސް ގޮވާލެއްވި އެވެ.އަލީ ވަހީދުގެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދާއިރާގެ ރައްޔިތުންގެ ތާއީދު ވެސް ނުލިބި ފިލައިގެން އުޅުއްވާ ބޭފުޅުން
ދައްކަވާ ވާހަކަތަކަށް ސަރުކާރުން ދޭނެ ރައްދެއް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ