ޑީއާރުޕީ އަކީ މައުމޫންގެ ގޮތްޕެއް: އަލީ ވަހީދު

ޑީއާރުޕީ އަކީ އެ ޕާޓީގެ ފައުންޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގޮތްޕެއް ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫންގެ ތަރުޖަމާނެއްގެ ގޮތުން 2008ގެ ރިއާސީ އިންތިހާބުގައި މަސައްކަތްކުރެއްވި އަދި މިހާރު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ނާއިބު ރައީސް އަލީ ވަހީދު ވިދާޅުވީ "ޑީއާރުޕީ އަކީ ވެސް ކިތަންމެ ދުރުވާން އުޅުނަސް" މައުމޫންގެ ގޮތްޕެއް ކަމަށެވެ.
"އެހެންވެގެން ނޫންތޯ ތިޔަ ބޭފުޅުން ބޭނުމެއް ނެތޭ ތިޔަބޭފުޅުންނަކީ އެމްޑީޕީއޭ ކިޔަސް ތި ތިބެނީއޭ ގަހުގައި،" ޑީއާރުޕީ އަކީ އެމްޑީޕީ އަށް ތާއީދުކުރާ ބައެއް ކަމަށް ޕީޕީއެމް އިން ބުނާ ބުނުމަށް އިޝާރާތް ކުރައްވަމުން އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކިތަންމެ ގިނަ ސިޔާސީ ޕާޓީތަކެއް އުފަންވަމުން ދިޔަ ނަމަވެސް ރާއްޖޭގައި އޮތީ އެމްޑީޕީ އާއި މައުމޫންގެ "ބޮޑު ބިޔަ ނިކަ ގަހުގެ ގޮފިތައް" ކަމަށެވެ. އެ ގޮތުން ގައުމީ ޕާޓީ އާއި އަދާލަތުގެ އިތުރުން ޑީއާރުޕީ އަކީ ވެސް މައުމޫންގެ "ގޮތްޕެއް" ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އެހެންވީމަ ދިވެހިރާއްޖޭގައި އޮތީ ބައެއް ރައްޔިތުންނަށް ވަރަށް އުނދަގޫ ނިންމުމެއް. އަނެއް ބައި ރައްޔިތުންނަށް ވަރަށް ސާފު ނިންމުމެއް. ރާއްޖޭގެ ރައްޔިތުންނަށް އަންނާނީ ރައީސް ނަޝީދުތޯ ނުވަތަ ރައީސް މައުމޫންތޯ؟ ރައީސް މައުމޫން ނުކުމެވަޑައިނުގަންނަވާ ކަމުގައި ވަނީ ނަމަ 100 ޕަސެންޓް ޔަގީންކަން، އެ ޓިކެޓުގައި ނުކުމެވަޑައިގަންނަވާނީ މުލަކު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް. މިއީ އަޅުގަނޑުމެންނަށް ރާއްޖޭގެ ކުރިމަގު ފެންނަން އޮތް ގޮތް،" ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ބިލްގައި ތަސްދީގު ނުކުރައްވައި ރައީސް މުހަންމަދު ވަހީދު އެ ބިލް އަނބުރާ ފޮނުވާލެއްވުމުން އޭގެ ބަހުސް މަރުހަލާގައި އަލީ ވަހީދު ވިދާޅުވި އެވެ.
މަޖިލީހުގައި އިންނަވާ އެންމެ ޒުވާން މެމްބަރު އަލީ ވަހީދު ވިދާޅުވީ "ކުރިން ކޭ ވާހަކަ" އާއި "ފަހުން ކޭ ވާހަކައިގައި" ލިބޭނެ އެއްވެސް ތަރައްގީއެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ މުދަލުގައި ޖެހިފައިވާ ބަޔަކު ތިބި ނަމަ އެ މީހުން ޝަރީއަތަށް ގެންގޮސް ހައްގު އަދަބު ލިބެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އެއީ 30 އަހަރުގެ ސަރުކާރު ވިޔަސް، ތިން އަހަރުގެ ސަރުކާރު ވިޔަސް އަދި މިއަދުގެ ސަރުކާރު ވިޔަސް އެ ނޫން ހުކުމެއް މިތަނުގައި ނެތް. މެމްބަރުންނާ ދިމާލަށް އަނެއް މެމްބަރުން އަރައިގަތުމަކީ އެއީކީ އެއްވެސް ފައިދާއެއް ލިބޭނެ ކަމެއް ނޫން،" އަލީ ވަހީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ތަރައްގީ ލިބޭނީ އެކުވެރި ރޫހެއްގައި ވާދަވެރި ސިޔާސީ ވާދަކުރުމެއްގެ ތެރޭގައި މަސައްކަތް ކޮށްގެން. އަޅުގަނޑުމެން އެންމެން އެއް ފިކުރަކަށް އަރައިފި ކަމަށް ވަންޏާ މި ރާއްޖެ ގެއްލޭނެ އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން ހަމަ ނުހަނު ލޯބިވޭ ޑީއާރުޕީ ދެކެ ވެސް ޕީޕީއެމް ދެކެ ވެސް. އެހެން ނަމަވެސް އަޅުގަނޑުމެން އެއް ފިކުރަކަށް އަރައިފި ވިއްޔާ އަޅުގަނޑުމެން އެކަކު އަނެކެއްގެ ގޯސް ޒިންމާދާރު ގޮތުގައި ދައްކައި، ޖަވާބުދާރީ ނުކުރެވި މި ރާއްޖެ އަނެއްކާ ވެސް ހުދުމުހުތާރު ކަމުގެ ތެރެއަށް ވެއްޓިގެންދާނެ."
އަލީ ވަހީދުގެ ވާހަކަ އަށް އިޝާރާތް ކުރައްވައި ވިލުފުށީ ދާއިރާގެ ގައުމީ ޕާޓީ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ "ބޮޑު ރާޅެއް" އެބަ ނަގާ ކަމަށެވެ. އަދި އަލީ ވަހީދު މިހާރު މަސައްކަތް ކުރައްވަނީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވަން ކަމަށް ރިޔާޒް ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑުމެން 241 ކޮމެޓީގައި، މާލެތެރޭގައި މާރާމާރީ ހުއްޓުވުމަށްޓަކައި، އެކަމުގެ ހައްލެއް ހޯދުމަށްޓަކައި މުލީއާގެ އަށް ]އަލީ ވަހީދު[ ވަނީ. އަނެއް ދުވަހު ސޮއިކުރީ އެމްޑީޕީއަށް. މިއަދު ]އަލީ ވަހީދު[ މި ދެއްކި ވާހަކައިގެ ނަތީޖާ އަކީ އެ ބުނާ ދެ ފިކުރެއް ނޫން. ޖުމްހޫރީ ޕާޓީ އަށް އެ މަނިކުފާނު ދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ، ފޮށިފޮއްޓަށް އެއްޗެހި އަޅައި ތަންމަތި ބަނދެ ހުރިހާ ކަމެއް ނިންމައިފި ދެ ފިކުރު އޮތްތަނެއްގައި އޮއްވާ،" ރިޔާޒް ވިދާޅުވި އެވެ.
ނިޒާމީ މައްސަލައެއްގައި ރިޔާޒަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ އޭނާ އަކީ މިހާރު ވެސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ނާއިބު ރައީސް ކަމަށާއި އޭނާ އަށް ނިސްބަތްކޮށް ހަގީގަތާ ހިލާފު ވާހަކަތައް ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ