ރައީސް ވަހީދާއި މައުމޫން ބައްދަލު ކުރައްވައިފި
ރައީސް މުހަންމަދު ވަހީދާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެ ބޭފުޅުން މިރޭ ބައްދަލު ކުރައްވައިފި އެވެ. މުލީއާގޭގައި ގަޑިއެއްހާއިރު ވަންދެން ބޭއްވެވި މި ބައްދަލުވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ވަހީދާއި ޕީޕީއެމް އެކުގައި މަސައްކަތް ކުރެއްވޭނެ ގޮތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އޭގެ އިތުރު ތަފުސީލެއް އޭނާ ވިދާޅެއް ނުވެ އެވެ. "މި ކަހަލަ އެންމެ ބައްދަލުވުމަކުން އަދި ގޮތެއް ނުނިމޭނެ. އެކަމަކު ގުޅުން ބަދަހިކޮށްގެން ކާމިޔާބު ވާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ. ރައީސް ވަހީދާއި މައުމޫންއާ ދެ ބޭފުޅުން ބައްދަލު ކުރެއްވިއިރު މިހާރުގެ ސަރުކާރަށް އަމާޒުކޮށް ޕީޕީއެމްގެ މަޖިލިސް ބައެއް މެމްބަރުން ވަނީ މިދިޔަ ހަފުތާގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ފާޑުކިޔައިފަ އެވެ. ހާއްސަކޮށް ރައީސް ވަހީދުގެ ޒާތަށް އަމާޒުކޮށް ހުތުރުކޮށް ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ މަޖިލީހުގައި ވާހަކަ ދައްކައިފަ އެވެ. އެކަމަކު ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވިދާޅުވަނީ އެއީ އެ ޕާޓީގެ ރަސްމީ ސިޔާސަތެއް ނޫން ކަމަށާއި ބައެއް މެމްބަރުން ރައީސް ވަހީދަށާއި ސަރުކާރަށް ފާޑުކިޔަނީ އަމިއްލަ ވިސްނުމުގެ ތެރެއިން ކަމަށެވެ.ރިޔާސީ އިންތިހާބުގެ ބޭނުމަށް އެހެން ބައެއް ޕާޓީތަކުން ރައީސް ވަހީދުގެ ޕާޓީއާ އެކު ކޯލިޝަން ހަދަން ނިންމާފައިވީ ނަމަވެސް ޕީޕީއެމުން އަދި އެފަދަ ކަމެއް ނުނިންމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ