ރައްޔިތުންގެ ހަމައެކަނި އެދުމަކީ ރައްޔިތުންގެ "މަސްގަނޑު" ޤާސިމް މިނިވަންކޮށްދިނުން- ފެންފުށީ ރައްޔިތުން

ފެންފުށީ ރައްޔިތުންގެ ހަމައެކަނި ބޭނުމަކީ އެމީހުންގެ "މަސްގަނޑު" ޤާސިމް އިބްރާހީމް ހައްޤު ނޫން ގޮތުގައި ހައްޔަރުކޮށްފައި ނުބަހައްޓައި މިހާރުން މިހާރަށް މިނިވަންކުރުން ކަމަށް ފެންފުށީ ރައްޔިތުން ބުނެފިއެވެ.
ޤާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލައި ފެންފުށީގައި މިއަދު ހަވީރު މުޒާހަރާގެ ތެރެއިން ވާހަކަދައްކަމުން ޤާސިމް އާދަމް ވިދާޅުވީ ފެންފުށްޓަކީ ނިޞްބަތުން ރައީސް ޔާމީނަށް އެންމެ ބޮޑު ތާއީދެއް އިންތިޚާބުގެ ފަހުބުރުގައި ދީފައިވާ ރަށް ކަމަށެވެ. "ފުރަތަމަ ބުރުގައި ލިބިވަޑައިގެންފައިވާ އެންމެ 6 ވޯޓު. ފަހުބުރުގައި 90 އިންސައްތައަށްވުރެ މަތިން ވާނީ ލިބިވަޑައިގެންފަ. އެއީ ހަމަ ޤާސިމްބެ އެކަމަށް އެދުމުން ޤާސިމްބެއަށް ކޮށްދިން ކަމެއް."
ޤާސިމް ވިދާޅުވީ ސަރުކާރުން ކަރަންޓާއި ކާޑުފަދަ އަސާސީ ބާވަތްތައް އަގުބޮޑުކުރުމަކީ އެހައި ބޮޑު މައްސަލައެއް ކަމަށާއި ސަރުކާރުން އަގުބޮޑުކުރިނަމަވެސް މަސައްކަތް އިތުރަށްކޮށްގެން އާމްދަނީ ހޯދައި އަސާސީ ތަކެތި ގަނެފައިވާ ކަމަށެވެ.
ޤާސިމް ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ ވަކި މީހަކަށް ބެއްލެވުމެއް ނެތި އެމަނިކުފާނުގެ އެހީތެރިކަމަށް އެދޭ ކޮންމެ މީހަކަށްވެސް އެމަނިކުފާނުގެ ޤާބިލުކަން ހުރި މިންވަރަކުން އެހީތެރިކަން ފޯރުކޮށްދެއްވާ އޯގާތެރިއެއްކަން ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރާ ކަމަށެވެ. އެހެންކަމުން އެންމެންގެ ހިތުގެ ލޯބިވެސް އެންމެ ފުންމިނުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ފެންފުށީގައި މިއަދު ހަވީރު ކުރިއަށް ގެންދިއަ މުޒާހަރާގައި މާމިގިލީގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ބައިވެރިވިއެވެ.
މާމިގިލީ ކައުންސިލުގެ ރައީސް ޖުނައިދު ވިދާޅުވީ ރަޔިތުންގެ މަޖިލީހުގެ މެންބަރުން ޤާނޫނާއި ޚިލާފަށް ހިފާ ހައްޔަރުކުރުމުން އެނގެނީ ރާއްޖޭގެ ޤާނޫނު އަސާސީއަކީ އެއްވެސް ބާރެއް ނެތް އަދި އެއަމަލުކުރާ އެއްޗެއް ނޫންކަން ކަމަށެވެ.
ޝިހާމް މުޙައްމަދު ވިދާޅުވީ މާމިގިލީ ދާއިރާއަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް 90 އިންސައްތަ ތާއީދުކުރި ދާއިރާ ކަމަށެވެ. އެފަދަ ތާއީދެއްކުރީ ޤާސިމް އިބްރާހީމްގެ އެދިވަޑައިގަތުމަށް ކަމަށާއި ދެން ކުރިއަށް އޮތް އެއްވެސް އިންތިޚާބެއްގައި ރައީސް ޔާމީނަށް މާމިގިލީ ދާއިރާއިން ތާއީދު ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ