ލަންކާގެ 5،000 ފަގީރު ގެ އަށް ދިވެހި ކުންފުންޏަކުން ސޯލާ ޕެނަލުން ކަރަންޓު ދެނީ

ރިނިއުބަލް އެނާޖީ މޯލްޑިވްސް އިން ސްރީލަންކާގެ ފަގީރު 5،000 ގެއެއްގައި ސޯލާ ޕެނަލް ބަހައްޓައިދީ، އެ ގެތަކަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ނިންމައިފި އެވެ.
ލަންކާގެ އިރުމަތީގައި އޮންނަ ބައްޓިކަލޯ ސިޓީގެ ބައެއް ގެތަކުގައި ދިވެހި ކުންފުނިން ސޯލާ ޕެނަލް ބެހެއްޓުމަށް އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.
މި މަޝްރޫއުގެ ދަށުން އެ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ބަހައްޓާ އިރު، އެކަން ކުރަނީ ފުރާޅު ކުއްޔަށް ހިފައިގެންނެވެ. އަދި ކުލީގެ އިތުރުން ފުރާޅުގައި ހަރުކުރާ ޕެނަލް އިން އެ ގެއެއްގެ ކަރަންޓު ބިލު ވެސް ދައްކައިދޭނެ އެވެ.
ރިނިއުބަލް އެނާޖީ މޯލްޑިވްސްގެ ރައީސް އަހުމަދު ނާޝިދު ވިދާޅުވީ ކޮންމެ ފުރާޅެއްގައި ދިހަ ކިލޯ ވޮޓުގެ ސޯލާ ޕެނަލް ހަރުކުރާ އިރު ގޭގެ ކަރަންޓަށް އެއް ކިލޯވޮޓުގެ ކަރަންޓު ވެސް ނާރާނެ ކަމަށެވެ. އަދި މިކަން ކުރަނީ ލަންކާ ސަރުކާރުގެ ގަވައިދުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މަޝްރޫއުގެ ދަށުން ދެ ފަރާތަށް ވެސް ފައިދާތަކެއް ލިބޭނެ. އެ މީހުންނަށް ކުލީގެ އިތުރުން ކަރަންޓު ބިލު ދައްކަން ނުޖެހޭ އިރު އަޅުގަނޑުމެންނަށް ލިބޭނެ އަނެއް ނުވަ ކިލޯ ވޮޓްގެ ކަރަންޓު. މިއީ ލޯ އިންކަމް ގެތަކަށް ލިބޭނެ ބޮޑު ފައިދާއެއް،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ސޯލާ ޕެނަލް ބަހައްޓާނީ އެންމެ ފުރާޅެއްގަ އެވެ. އަދި އޭގެ މަސައްކަތް ދާ ގޮތަށް ބަލައި އިތުރު ގެތަކުގައި ވެސް ބަހައްޓާނެ ކަމަށާއި ފަސް ހާސް ގޭގެ އިތުރުން ވެސް އިތުރު ގޭގޭގައި ކުރިމަގުގައި ޕެނަލް ބަހައްޓާނެ ކަމަށް ވިދާޅުވި އެވެ.
ލަންކާގައި ހިދުމަތް ދިނުމަށް އެ ކުންފުނިން މިދިޔަ ޑިސެމްބަރު މަހު އެ ގައުމުގައި ރަޖިސްޓްރީ ވެފައިވާއިރު މިއީ އެ ކުންފުނިން ރާއްޖޭން ބޭރުގައި ފަށާ މި ފަދަ ފުރަތަމަ މަޝްރޫއެެވެ. އެ ކުންފުނިން މީގެ ކުރިން ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ސޯލާ ޕެނަލް ބަހައްޓައި، އަވިން ދެ މެގަ ވޮޓުގެ ކަރަންޓު އުފެއްދޭނެ ގޮތް ހަދައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ