ބައެއް ބިލްތަކަށް އުމަރު ފައިސާ ނުދައްކާ: ޔާމީންގެ ޓީމު

ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން އުފެއްދި ޒެޑް ޑީއާރުޕީން ކުރި ބަައެއް ހަރަދުތަކަށް އުމަރު ނަސީރުގެ އަތުން މިހާތަނަށް ވެސް ފައިސާ ނުލިބޭ ކަމަށް އޭނާގެ ވާދަވެރިޔާ އަބްދުﷲ ޔާމީންގެ ޓީމުން މިއަދު ބުނެފި އެވެ. ރޭ ބޭއްވި އުމަރުގެ ކެމްޕޭން ޖަލްސާގައި، ޔާމީންގެ ފަރާތުން މާ ބޮޑު އެހީތަކެއް ނުލިބޭ ކަމަށް އިޝާރާތްކޮށް އުމަރު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ  ކުރީގެ ރައީސް
ނަޝީދުގެ ވެރިކަން ނިމުމަކަށް ގެންނަން މުޒާހަރާތައް ކުރަމުން ދިޔަ
ދުވަސްވަރު އެ ތަނުގައި ކެއިން ބުއިމަށް އެހީތެރިކަން ފޯރުކޮށްދޭން
އެދުމުން ޔާމީން ދެއްވީ އެންމެ 500ރ. ކަމަށެވެ. އޭގެ ރައްދުގައި ޔާމީންގެ ފަރާތުން ވާހަކަ ދެއްކެވި ޔާމީންގެ ކުރީގެ ޕީއޭގެ ޓްރެޝަރާ އަހުމަދު މުސްތަފާ ވިދާޅުވީ ޒެޑްޑީއާރުޕީ ހަދައިގެން އުޅުނު ދުވަސްވަރު ޕީއޭ އާއި އުމަރު ހަމަހަމައަށް ބަހާލައިގެން ހަރަދު ކުރަން އެއްބަސްވި ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް ބައެއް ބިލްތަކަށް އުމަރު ފައިސާ ނުދައްކަވާ ކަމަށާއި އެ ބިލްތައް މިހާރު ވެސް ޕީއޭގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ."އޭގެ ތެރެއިން އެއް ބިލަކީ 2010 ގެ ޖެނުއަރީ 20-22 އަށް ކުޅުދުއްފުއްޓާއި އިހަވަންދު އަށް ކުރި ދަތުރުގެ ބިލް. އެ ބިލަށް 21،400ރ. އުމަރު ދައްކަވަން ޖެހޭ. އެ ފައިސާ ދައްކަން އެންގުމުން ވެސް އެއަށް އިޖާބައެއް ނުދެއްވި. އޭރު ޒެޑް ޑީއާރުޕީން ހިންގި ހަރަކާތްތަކުގެ ކަރަންޓް ބިލްތަކަށް ވެސް އުމަރު ފައިސާ ނުދައްކަވާ،" މުސްތޮފާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އުމަރު އިސްވެ ހުންނަވައިގެން އުފެއްދި ޒެޑްޑީއާރުޕީގެ ޖަލްސާތައް ބޭއްވުމަށް ތަންތަން ހޯދުމުގެ ކަންތައް ވެސް ކުރީ ޔާމީންގެ އެދިވަޑައިގަތުމަށް ޕީއޭއިން ކަމަށެވެ. "ބޭނުމަކީ އޭރުގެ ސަރުކާރު ޖަވާބުދާރީ ކުރުމަށް އެހީތެރިވެ ދިނުން. އެހެންވީމާ އެދުނު ކޮންމެ ކަމަކަށް ޔާމީން އޭރު ވެސް ވާނީ އެހީތެރިކަން ދެއްވާފައި. ޖަލްސާތައް ބާއްވަން އާޓިފިޝަލް ބީޗު ފަދަ ތަންތަން ހޯދީ ޕީއޭގެ ނަމުގައި،" މުސްތޮފާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ