ހުޅުމާލެ ގެސްޓްހައުސްއަކުން ވަގަށް ނެގި ތަކެތި ހޯދާ ދެމީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުންނަ ޕާމް ވިއު ގެސްޓް ހައުސްއިން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން އެގެސްޓް ހައުސްއިން ވަގަށް ނަގާފައިވާތަކެތި ހޯދައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި ގެސްޓްހައުސްއިން ވައްކަން ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ މީހަކާއި އުމުރުން 32 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުން އަންނާތީ ވައްކަމުގެ މައްސަލަތައް މަދުކުރުމަށްޓަކައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މި ދެމީހުން މަގުމަތިން ހިނގާފައިދަނިކޮށް ފުލުހުން ފެނުމާއެކު ދުވެފައިގޮސް މި ދެމީހުން ދިރިއުޅޭ ގެއަށް ވަންނަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
ޕާމް ބީޗް ގެސްޓް ހައުސްއިން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދާފައިވަނީ މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ ދެމީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެގޭތެރެއިންނެވެ.
ފުލުހުން އިތުރަށް ބުނީ ވަގަށް ނަގާފައިވާތަކެތީގެ ތެރެއިން ކެނޮން ބްރޭންޑްގެ ކެމެރާ ހޯދާފައިވަނީ މި ދެމީހުން ދިރިއުޅޭ ގޭގެ ބަދިގެ ތެރޭގައި ހުރި ހަނޑޫ ބަސްތާއެއްގެ ތެރެއިން ކަމަށާއި އެ ގެސްޓް ހައުސްއިން ގެއްލުނު 363 ޑޮލަރު ފެނިފައިވަނީ ބަދިގޭގައި ހުރި ގޭސް ފުޅިއެއްގެ ދަށުން ކަމަށެވެ.
މިތަކެތި މިހާރު ވަނީ އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ