މައުމޫން ނެތް ނަމަ ޕްރައިމަރީ ވެސް ރައީސް ޔާމީނަށް ގެއްލޭނެ: އުމަރު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނެތް ނަމަ، ރައީސް އަބްދުﷲ ޔާމީނަށް 2013 ގައި ބޭއްވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ވެސް ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
އުމަރު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ޕީޕީއެމް އަލަށް އުފައްދައި، ޕާޓީ ހަރުދަނާ ކުރަން ބެލިއިރު އޭރު ވެސް ޕާޓީގެ އިސް ބޭފުޅުން ތިއްބެވީ "ރަޖާލައިގެން ގޭގައި" ކަމަށް ރައީސް އަބްދުﷲ ޔާމީން ގއ. ގެމަނަފުށީގައި ވިދާޅުމާ ގުޅިގެންނެވެ.
ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅިގެން އުމަރު ވިދާޅުވީ ޕީޕީއެމް އުފެދުނީ އަދި އިންތިހާބުތައް ކާމިޔާބުވީ ވެސް ރައީސް މައުމޫނާ ހެދި ކަމަށެވެ.
ޕިޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަކުރެއްވީ އުމަރެވެ.
PPM ufedhunee adhi inthikhaab thah kaamiyaab vee ves RM ge sababun. RM neh nama Primary ves gellunees. https://t.co/4woE74Tly7— Umar Naseer (@UmarNaseerPPM) December 14, 2016
އުމަރު ކުރެއްވި ޓުވީޓެއް.ރައީސް ޔާމީން ވިދާޅުވެފައި ވަނީ ޕީޕީއެމް އުފެދި، ޕާޓީ ހަރުދަނާ ކުރުމަށް އެކަށީގެންވާ މަސައްކަތެއް އިސް ބައެއް ބޭފުޅުން ނުކުރައްވާ ކަމަށެވެ. އެއީ އޭރުގެ ހާލަތު ކަމަށާއި އެތައް ބައެއްގެ މަސައްކަތުން ޕީޕީއެމަށް ވެރިކަން ލިބި، ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ސަރުކާރާ ދެކޮޅަށް މިހާރު އެ ޕާޓީން މަސައްކަތް ކުރަންވީ ކީއްވެތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.
ސިޔާސީ ކޮންމެ ޕާޓީއަކުން ވެސް ބޭނުން ވާނީ ވެރިކަމުގައި ތިބުން ކަމަށާއި ކުރު މުއްދަތެއްގެ ތެރޭގައި ޕީޕީއެމް ވަނީ ސިޔާސީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުމެން ކުރަން ޖެހޭނެ މަސައްކަތަކީ ޕާޓީ ތެރޭގައި ހުރި މަސައްކަތްތައް. ބޭރުގައި ހަގީގަތާ ހިލާފަށް އޮއްސާލުމެއް ނޫން. އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެން ގަބޫލުކުރާ ފިކުރާއި އުސޫލްތަކާ އެކީގައި މަސައްކަތް ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ އެތެރޭގައި އުފެދުނު މައްސަލަ ހައްލުނުވެ، ކޯޓަށް ހުށަހެޅުމުން، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދާކުރެއްވި ހުރިހާ ޒިންމާތަކެއް ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. މައުމޫނާ ނުލައި ވެސް 2018 ރައީސް ޔާމީނަށް ކާމިޔާބުކޮށްދޭނެ ކަމަށް އެމަނިކުފާނުގެ ފެކްޝަނުގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ