ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން ހުންނެވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ފިއްލެވީ ކަމަށް ބަލައި އޭނާ ރާއްޖެ ގެނެސް ދިނުމަށް ފުލުހުންނަށް ހުށަހަޅަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ނިންމައިފިއެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އުސޫލުތައް އޮންނަ ގޮތުން ގާސިމަށް އެރުވި މުއްދަތުގައި އެނބުރިވަޑައިގެންފައި ނުވާތީ "ފިލެއްވީ" ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"އަނބުރާ ގެނައުމަށް އުސޫލުގައިވާ ގޮތުގެ މަތިން އަމަލު ކުރާނެ. އެއީ ފުލުހުންނާއި ގުޅިގެން އެމީހަކު އަނބުރާ ގެންނަން މަސައްކަތް ކުރުން،" ކަރެކްޝަނުގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ގާސިމް ބޭސްފަރުވާއަށް ދީފައިވާ މުއްދަތު ހަމަވެފައިވަނީ ރޭ 12 ޖެހިއިރުއެވެ.
ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ގާސިމް ޖަލަށްލާން ހުކުމްކޮށްފައިވަނީ ވެސް އައިޖީއެމްއެޗުގައި އެޑްމިޓުކޮށްފައި އޮއްވައެވެ. އެ ހުކުމް މިހާރުވަނީ އިސްތިއުނާފުކޮށްފައެވެ.
ގާސިމްގެ ވަކީލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނަކީ ފްލައި ކުރުމަށް އަންފިޓް މީހެއް ކަމަށް ކުރީން ވެސް ކަނޑައަޅާފައިވާތީ އާއި އެމަނިކުފާނުގެ މެޑިކަލް ސްޓޭޓަސްއަށް ބަދަލެއް އައިސްފައި ނުވާތީ އެއާލައިނުން އެމަނިކުފާނަށް މިއަދުވެސް އަންގާފައވަނީ ދަތުރު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ސިންގަޕޫރުން މާލެއަށް އޮންރަބަލް ޤާސިމް އިބްރާހީމަށް ދަތުރު ކުރުމުގެ ހުއްދަ އެއާލައިނުން ދީފައިނުވާކަން ވާނީ އަންގާފައި ކަމަށެވެ.
"އެމަނިކުފާނުގެ ޑޮކްޓަރުންގެ މެޑިކަލް ރިޕޯޓްގައިވާ ފަދައިން އެމަނިކުފާނުގެ ހިތުގެ އީ.ޕީ.ސްޓަޑީ (މާލޭގެ ޑޮކްޓަރުން ލަފާ ދެއްވާފައިވާ ޓެސްޓް) ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލުގައި ހެދުމަށް 19 އޮކްޓޯބަރު 2017 އަށް ޝެޑިއުލް ކޮށްފައިވާކަމާއި، އީ.ޕީ.ސްޓަޑީ އަށްފަހު ވެސް އިތުރު ފަރުވާކުރުމަށްޓަކައި ސިންގަޕޫރުގައި ހުންނަން ޖެހޭނެ ކަމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާކަން ވެސް ވާނީ މޯލްޑްވިސް ކަރެކްޝަނަލް ސަރވިސްއަށް އަންގާފައެވެ،" ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ވަކީލުންގެ ބަޔާނުގައި ޑޮކްޓަރުންގެ ލަފާއާއި އިރުޝާދާ ޚިލާފަށް، ގާސިމުގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެދާނެ ގޮތަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ތަކުރާރުކޮށް އަމަލުކުރަމުން ގެންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ގާސިމުގެ ފަރުވާގެ މުއްދަތު އިތުރުކޮށްދީފައި ނުވާތީ ސިވިލް ކޯޓުގައި ދަނީ ދައުވާ ވެސް ކުރަމުންނެވެ.
ގާސިމް "ފިއްލެވީ" ކަމަށް ބަލައި ގެނެސްދޭން ފުލުހުންނަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ