އައްޑޫން ކަރަންޓު ކެނޑޭ މައްސަލައިގައި ކޮމެޓީއަށް ފެނަކަ ހާޒިރުކޮށްދޭން އެދިއްޖެ

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ފެނަކަ ހާޒިރުކޮށްދޭން އެދިއްޖެއެވެ.
އެކަމަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒް އަހުމަދު މުހައްމަދަށް މިއަދު ފޮނުއްވި ސިޓީގައެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ބާރުއެޅުމަށާއި، އެފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ފެނަކައިން ކުރާ މަސައްކަތްތަކަކީ ކޮބައިތޯ ބެލުމަށް، ފެނަކަ ހާޒިރުކޮށް ސުވާލުކުރުމަށް މަޖިލިސް ގަވާއިދުގެ ދަށުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ދިނުމަށްވަނީ އެދިފައެވެ.
އައްޑޫ ސިޓީގައި ތަކުރާރުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެ، ކޮންމެ ދުވަހަކުވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެތައް ފަހަރަކު ކަރަންޓު ކެނޑުމުން ދިއުމުގެ ސަބަބުން ރައްޔިތުން ގެންގުޅޭ އިލެކްޓްރޯނިކް ސާމާނު ހަލާކުވުމުގެ އިތުރުން، ފެން ލިބުމުގައި ދަތިވެ، ކޮންމެ ދުވަހަކުވެސް އެތައް ގަޑިއިރެއް ރައްޔިތުން އަނދިރީގައި ހޭދަކުރަން ޖެހިފައިވާ ކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން މިދުވަސްވަރަކީ އޯލެވެލް އިމްތިހާނުވެސް ހިނގަމުންދާ ދުވަސް ވަރުކަމުގައިވާތީ، ކަރަންޓް ނެތުމުގެ ސަބަބުން ކިޔަވާ ކުދިންނަށް ކިޔެވުމަށް ވަރަށް ބޮޑެތި ދަތިތައް ދިމާވަމުންދާ އެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ނުކުރެވިގެން އުޅެނީ ޖަނެރޭޓަރު ސެޓްތަކުގެ މަރާމާތައް ބޭނުންވާ ސްޕެއަރ ނުލިބިގެން ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ އައްޑޫގައި މައްސަލަ ޖެހިފައިވާ ހަތަރު ޖަނެރޭޓަރު ސެޓްގެ ތެރެއިން އެއް ޖަނަރޭޓަރ ސެޓް މަރާމާތަށް ނެރެފައިވާ ކަމަށާއި އަނެއް ތިން ސެޓް މަރާމާތު ނުކުރެވިގެން އުޅެނީ ބޭނުންވާ ސްޕެއަރ ނުލިބިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ