ހިތަދޫ މެދު ދާއިރާގެ މެމްބަރުގެ މައްޗަށް ކުރާ ދައުވާގެ ލިޔުންތައް ހަވާލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހަވާލުކޮށްފި އެވެ. އިބްރާހީމް މުހައްމަދު ދީދީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:30 ގަ އެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައެވެ. އޭރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީ ހުންނެވީ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރެއްގެ މަގާމުގައެވެ. މިއީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލި ދެ ވަނަ ފަހަރެވެ. މީގެކުރިން އެ ދައުވާ އުފުލައި ހެކިބަސް ނެގުމާ ހިސާބުގައި އޮއްވައި ޕީޖީން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. ޕީޖީ އޮފީހުން އެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް، އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ