އިމްރާނާއި ފާރިސް ވަގުތުން މިނިވަންކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވަގުތުން މިނިވަންކުރުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އަނެއްކާވެސް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިކަމަށް ގޮވާލެއްވީ ޝައިޚް އިމްރާން އަބުދުﷲއާއި ފާރިސް މައުމޫން ގޭ ބަންދުން ޖަލު ބަންދަށް ބަދަލުކުރުމާއި ގުޅިގެން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ ޝައިޚް އިމްރާން އަބުދުﷲ އާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އަލުން ޖަލަށް ބަދަލުކުރެއްވުމަކީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާކަމެއްކަމަށެވެ.
އަދި އެދެ ބޭފުޅުން ވަގުތުން މިނިވަންކުރުމަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
ޖަލު މަރާމާތުކުރުމަށްކަމަށް ބުނެ 85 ދުވަސް ވަންދެން ޖަލުގައި ބެހެއްޓުމަށްފަހު ފާރިސް މައުމޫން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިމަހުގެ 11 ދުވަހުއެވެ.
އެންމެ 11 ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށްފަހު ފާރިސް މައުމޫން އަލުން ޖަލަށް ބަދަލުކޮށްފައިވާއިރު. ޝައިޚް އިމްރާން މިއަދު ޖަލު ބަންދަށް ބަދަލުކޮށްފައިވަނީ މަސް ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށްފަހުއެވެ.
ޝައިޚް އިމްރާން އަބުދުﷲ ގޭ ބަންދަށް ބަދަލުކުރީ އެމަނިކުފާނަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަތުމާއި ގުޅިގެންނެވެ.
ޝައިޚް އިމްރާން އަބުދުﷲއާއި ފާރިސް މަައުމޫން އަދި ސިޔާސީ ލީޑަރުން ވަގުތުން މިނިވަންކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި، ބައިނަލްއަގްވާމީ މުޖްތަމައުންވެސް ގެންދަނީ ގޮވާލަމުންނެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލްވި ފަހުން މިވޭތިވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ސިޔާސީ ގިނަ ލީޑަރުންތަކެއްމައްޗަށް ބޮޑެތި ޝަރީއަތްތަކެއް ހިންގާ ގިނަ ލީޑަރުން ވަނީ ޖަލަށްލާފައެވެ.
އަދި މި ޝަރީއަތްތައް ހިންގާފައިވަނީ އެއްވެސް އިންސާފެއްނެތި، ގާނޫނީ އިމުން ބޭރުންކަމަށް ބައިނަލްއަގްވާމީ ދުނިޔެއިން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ