ބިލެތްފައްސަށް މިރޭވެސް ކަރަންޓު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް: ކައުންސިލް

ށ. ބިލެތްފައްސަށް މިރޭވެސް ކަރަންޓު ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް އެ ރަށު ކައުނސިލުން ބުނެފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ބިލެތްފަހި ކައުންސިލްގެ މެމްބަރު އަހްމަދު ނާފިޒް ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އަދިވެސް އެ ރަށަށް ޖަނަރޭޓަރެއް ލިބިފައި ނެތް ކަމަށާއި އެހެންވެ މިރެއަށްވެސް ރަށަށް ކަރަންޓު ލިބޭނެ ކަމުގެ ޔަގީން ކަމެއްނެތް ކަމަށެެވެ.
ނާފިޒް ވިދާޅުވީ އެންމެ ފުރަތަ އެ އަތޮޅު ފޯކައިދޫއިން ޖަނަރޭޓަރެއް އެ ރަށަށް ގެނައުމަށް މަސއްކަތް ކުރި ކަމަށާއި އެހެންނަމަވެސް އެ ރަށު ރައްޔިތުން ނިކުމެ އެ ޖަނަރޭޓަރު ރަށުން ގެންދިޔަ ދެކޮޅު ހެދުމުން އެކަން ނުވި ކަމަށެވެ. އަދި މިހާރު އެ އަތޮޅު ފޭދޫއިން ޖަނަރޭޓަރެއް ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"ފުރަތަމަ އަޅުގަނޑުމެން ބެލީ ފޯކައިދޫއިން ޖަނަރޭޓަރެއް ގެނެވޭތޯ. އެކަމަކު އެ ރަށު ރައްޔިތުން ނިކުމެ ޖަނަރޭޓަރު ރަށުން ބޭރުވިޔަ ނުދިން. އެހެންވެ އެ ރަށުން ޖަނަރޭޓަރެއް ލިބޭ ގޮތެއް ނުވި. އެހެންވެ މިހާރު މިބަލަނީ ފޭދޫ އިން ޖަނަރޭޓަރެއް ގެނެވޭތޯ. އެހެންވީމަ އަދި ނެތް މިރެއަށްވެސް ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް." އޭނާ ވިދާޅުވި އެވެ.
ނާފިޒް ވިދާޅުވީ ރެއިން ފެށިގެން މުޅި ރަށުން ކަރަންޓު ކެނޑިފައިވާތީ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި މިހާރުވެސް ގިނަ ރައްޔިތުން ތިބީ އަތިރި މަތީގައްޔާއި މަގުމަތީގައި ކަމަށެވެ. އަދި އަމިއްލަ މީހުން ގެންގުޅޭ ޖަނަރޭޓަރު ތަކުން ބައެއް މީހުންނަށް ކަރަންޓު ފޯރުކޮށްދިންނަމަވެސް ގިނަ ރައްޔިތުން ތިބީ ޒަރޫރީ ބޭނުންތައް ވެސް ނުފުދިފައި ކަމަށްވެެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލިފާން ރޯވީ ބޭނުން ކުރަމުން އައި ޖަނަރޭޓަރުގެ ޓާބޯގައި ކަމަށާއި އެގޮތަށް ދިމާވީ ޖަަނރޭޓަރު ލޯޑު ބޮޑުވެގެން ކަމަށް ބެލެވޭ ކަމަށެވެ.
އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ބިލެތްފަހީގެ އިންޖީނުގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ އިންޖީނުގެ ވަނީ އެއްކޮށް އަނދާހުލިވެފަ އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ ބިލެތްފައްސަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސއްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ