އިންތިޚާބަކާ ނުލައި ރައީސަކު ކަނޑައަޅާތީ ސިންގަޕޫރުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަނީ

އިންތިޚާބަކާ ނުލައި ސިންގަޕޫރުގެ ރައީސެއް ކަނޑައަޅަން އުޅޭތީ އެގައުމުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފިއެވެ.
ރައީސް އިންތިޚާބު ކުރުމަށް ސިންގަޕޫރުގައި ވޯޓްލާން ތާވަލް ކޮށްފައިއޮތީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
ރައީސްކަމަށް ކުރިމަތި ލެއްވި 5 ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުންގެ މަގާމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައެޅުމުން މިހާރު ބާކީ ހުންނެވީ އެންމެ ކެންޑިޑޭޓެކެވެ. އެއީ، ސިންގަޕޫރުގެ ޕާލަމެންޓްގެ ކުރީގެ ރައީސާ އަދި އެގައުމުގެ ބައިމަދު މުސްލިމް މެލޭ ދަރިކޮޅުގެ އަންހެން ބޭފުޅެއް ކަމަށްވާ، އުމުރުފުޅުން 63 އަހަރުގެ ހަލީމާ ޔައުގޫބެވެ.
ރައީސްކަމަށް ޝަރުތު ފުރިހަމަވަނީ ހަލީމާ ޔައުގޫބު އެކަނިކަމަށް ވުމުން، އިންތިޚާބެއް ނުބާއްވައި އެކަމަނާ މަގާމަށް އައްޔަން ކުރަން މިހާރު ވަނީ ހަމަޖެހިފައެވެ. އެކަމަނާ ރަސްމީގޮތުން މަގާމަށް އައްޔަން ކުރަން ހަމަޖެހިފައިވަނީ މާދަމާއެވެ.
އެކަމަނާ ވެވަޑައިގަންނަވާނީ ސިންގަޕޫރުގެ ރައީސްކަމަށް ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.
ރައީސްކަމަށް ކުރިމަތިލައްވާ ބޭފުޅުންގައި ހުންނަންޖެހޭ ވަރަށް ހަރުކަށި ޝަރުތުތަކެއް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައި އޮވެއެވެ. އެގޮތުން، ރައީސްކަމަށް ކުރިމަތިލެއްވި 5 ބޭފުޅުންގެ ތެރެއިން ދެބޭފުޅެއްގެ ޝަރުތު ފުރިހަމަ ނުވާކަމަށް ކަނޑައެޅީ އެދެބޭފުޅުންނަކީ ބައިމަދު މެލޭ ދަރިކޮޅުގެ ބޭފުޅުންނަށް ނުވުމުންނެވެ.
ސިންގަޕޫރުގެ ރައީސްކަމުގެ މަގާމު މިފަހަރު ރިޒާރވް ކޮށްފައިވަނީ ބައިމަދު މުސްލިމް މެލޭ ދަރިކޮޅަށެވެ. މިއީ، ސީދާ ބައިމަދު ވަކި ދަރިކޮޅަކަށް ރައީސްކަން ޚާއްސަ ކުރެވުނު ފުރަތަމަ ފަހަރުވެސް މެއެވެ.
މަގާމުގެ ޝަރުތު ފުރިހަމަ ނުވާކަމަށް ދެން ކަނޑައެޅުނު ދެ ކެންޑިޑޭޓުންނަކީ މެލޭ ދަރިކޮޅުގެ ދެ ވިޔަފާރިވެރިންނެވެ. އެދެ ކެންޑިޑޭޓުންގެ ޝަރުތު ފުރިހަމަނުވީ އެމީހުން ހިންގާ ވިޔަފާރި ކުންފުނިތަކަކީ އެކަށީގެންވާ ވަރަށްވުރެ ކުދި ކުންފުނިތަކަށް ވުމުންނެވެ.
ރައީސްކަމަށް ޝަރުތު ފުރިހަމަވި ހަލީމާ ޔައުގޫބަކީ ސިންގަޕޫރުގެ މިހާރުގެ ޕާލަމެންޓް މެމްބަރެކެވެ. އަދި އެކަމަނާއަކީ ސިންގަޕޫރުގެ ނޭޝަނަލް ޓްރޭޑްސް ޔޫނިއަން ކޮންގްރެސްގެ އެސިސްޓެންޑް ސެކްރެޓަރީ ޖެނެރަލްއެވެ.
އެކަމަކު ވޯޓަކާ ނުލައި ރައީސްކަމަށް ބޭފުޅަކު ކަނޑައަޅަން އުޅޭތީ ސިންގަޕޫރުގެ ރައްޔިތުން ސޯޝަލް މީޑިއާގައި ގެންދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ގިނަމީހުން ބުނަމުންދަނީ މިއީ ވަރަށް ބޭއިންސާފު ގޮތެއް ކަމަށެވެ. ބައެއްގެ ސިޔާސީ މަގްސަދުތަކެއް ހާސިލްކުރުމަށް އުސޫލުތައް މުގުރާލަމުން ގެންދާ ކަމަށެވެ.
އެކަމަކު މިއީ ސިންގަޕޫރުގައި އިންތިޚާބަކާ ނުލައި ރައީސަކު ކަނޑައަޅާ ފުރަތަމަ ފަހަރެއްނޫނެވެ. އެފަހަރު ތަކުގައިވެސް އާންމުން ދެކޮޅުވެރިކަން ފާޅުކުރިއެވެ. އަދި ވޯޓްލީ ފަހަރުތަކުގައިވެސް އިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ވެރިކަމުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެވެ.
ސިންގަޕޫރުގައި ރައީސްކަމުގެ މަގާމަކީ ރަމްޒީ މަގާމެކެވެ. މައިގަނޑު ގޮތެއްގައި ރައީސްގެ ވާޖިބަކީ ދައުލަތް ތަމްސީލު ކުރެއްވުމެވެ. އެކަމަކުވެސް ބައެއް ކަހަލަ ބާރުތައް ރައީސަށް ލިބިވަޑައިގަންނައެވެ.
5.5 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ސިންގަޕޫރަކީ ތަފާތު ނަސްލުތަކާއި ދަރިކޮޅުތަކުގެ މީހުންގެ މައްޗަށް އެކުލެވޭ ގައުމެކެވެ. އެގައުމުގައި އަޣުލަބިއްޔަތު އޮންނަނީ ޗައިނާ ދަރިކޮޅުގެ މީހުންނަށެވެ. ރައީސްކަން ބައިމަދު ނަސްލުތަކަށް ދެނީވެސް ގައުމުގައި ސުލްހައާއި ހަމަޖެހުން ގާއިމްވެ އޮތުމުގެ ބޭނުމުގައެވެ.
ސިންގަޕޫރަކީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނޭ އަދި ދުނިޔޭގައި އެންމެ ހަމަޖެހިގެން އުޅޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އެކަމަކު އެގައުމުގައި އޮންނަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި އޮންނަ ސިޔާސީ ނިޒާމެކެވެ. އިނގިރޭސީންގެ ކިބައިން 1959 ވަނަ އަހަރު ޒާތީ މިނިވަންކަން ލިބުނުފަހުން ސިންގަޕޫރުގައި ވެރިކަން ކުރަނީ ޕީޕަލްސް އެކްޝަން ޕާޓީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ