ގާސިމް ތިން އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފް ކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.
އެގޮތުން މި މައްސަލަ އަންނަ އާދީއްތަ ދުވަހު އިސްތިއުނާފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަކީލުން ހާމަކުރެއެވެ.
ގާސިމްގެ މައްޗަށް ޖަލު ޙުކުމެއް އައީ 27 މާރޗު 2017 ދުވަހު، ނެގުމަށް ހަމަޖެހުނު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ނެގުމާއި ގުޅުވައިގެން 26 މާރިޗު 2017 ދުވަހުގެރޭ މ.ކުނޫޒުގައި ބޭއްވުނު ޖަލްސާގައި އެހެން ދާއިރާތަށް ތަމްސީލުކުރައްވާ މެންބަރުން ޢަބްދުالله މަސީހް ބޭރުކުމަށް ވޯޓް ދެއްވައިފިނަމަ އެމެންބަރުން ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓުދޭނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުންވެސް އެހީތެރިވެދާނެ ކަމަށް ބުނެ، ވާހަކަ ދައްކާފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ށ) ހަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން ޤާސިމްގެ މައްޗަށް ދައުލަތުން ކުރި، ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
ގާސިމްއަށް ކުރި ހުކުމުގައި އޭނާ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވާތީ ރޭގެ ވަގުތެއްގައި އޭނާ ވަނީ ސިންގަޕޫރަށް ފުރުވާލާފައެވެ.
ކަރެކްޝަނަލް ސާވިސް އިން ގާސިމް އަށް ހުއްދަ ދީފައި ވަނީ ދިހަ ދުވަހަށް ސިންގަޕޫރަށް ދިއުމަށެވެ. ނަމަވެސް މިމުއްދަތު އިތުރު ކުރަން ގާސިމް އެދިއްޖެ ނަމަ މުއްދަތު އިތުރު ކުރުމުގެ ހުއްދަ ދިނުން އެކަށީގެންވެއެވެ.
ގާސިމް މިދިޔަ މަހުގެ 24 ގައި ހަތަރުވަނަ ފަހަރަށް ހޮސްޕިޓަލްގައި އެޑްމިޓްކުރީ ކްރިމިނަލް ކޯޓުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުންނެވެ. ގާސިމް އެ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓް ކުރި ފަހުން މިހާތަނަށް އޮންނެވީ ހޮސްޕިޓަލްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ