ބަންދުގެ މުއްދަތު އިތުރުކުރަން މައުމޫން މިއަދު ކޯޓަށް ހާޒިރު ކުރާނެ

ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް މިއަދު އެމަނިކުފާނު ކޯޓަށް ހާޒިރު ކުރަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ނަމަވެސް ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރާ ވަގުތެއް އަދި ކަށަވަރެއް ނުވެއެވެ.
މިއީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރު ކުރި ފަހުން މާލެ ގެންނަ ފުރަތަމަ ފަހަރެވެ.
ރައީސް މައުމޫން މިއަދު ކޯޓަށް ހާޒިރު ކުރަނީ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އުވުމުގެ ކުރިން އެމަނިކުފާނުގެ ބަންދާއި މެދު ގޮތެއް ނިންމަން ޖެހޭތީއެވެ.
ރައީސް މައުމޫންގެ ބަންދުގެ މުއްދަތު މިއަދު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރާއިރު އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ހެކި ނައްތާލި ކަމަށް ތުހުމަތުކޮށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ ވެސް އުފުލާފައެވެ. ނަމަވެސް އެދައުވާގެ ޝަރީޢަތް އަދި ނުފަށައެވެ.
ރައީސް މައުމޫންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ