ސުޕްރީމް ކޯޓުން ރޭ ނެރުނު ހުކުމަށް އިހުތިރާމް ކުރުމަށް އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާ އިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަށް އިހުތިރާމް ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ރާއްޖޭގައި ހިނގަމުންދާ ކަންތައްތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެގޮތުން ކޯޓުގެ ހުކުމާ ގުޅިގެން އުފާފާޅުކުރަމުންދިޔަ ފަރާތްތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މި ބަޔާނުގައި ވަނީ މުޒާހަރާ ކުރާ ފަރާތްތަކުން ވެސް ސުލްހަވެރިކަމާ އެކު ކަން ކުރުމަށް އިލްތިމާސް ކޮށްފައެވެ.
ސުޕްރީމް ކޯޓުން ރޭ ކުއްލިގޮތަކަށް ނެރުނު އަމުރެއްގައި ވަނީ ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އަންގާފައެވެ.
ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައި ވަނީ ކުރީގެ ރައީސް ނަޝީދާއި، ގާސިމް އިބްރާހިމާއި، ކާނަލް ނާޒިމާއި، ފާރިސް މައުމޫނާއި، ޝައިހް އިމްރާނާއި، އަހްމަދު އަދީބާއި، ކުރީގެ ޕީޖީ މުހުތާޒާއި، މާމިގިލީ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް ނިހާނާއި ހާމިދު ސޭޓް ދޫކޮށްލުމަށެވެ.
ސިޔާސީ ލީޑަރުން މިނިވަން ކުރުމުގެ އިތުރުން ސުޕްރީމް ކޯޓުން ރޭ ވަނީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އަދި ޕާޓީ ބަދަލު ކުރިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ހުކުމް ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް އިހުތިރާމް ކުރުމަށް އ.ދ އިން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ