ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލްކުރުމުގެ އަޑުއެހުންތައް މާދަމާ
ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް އެދި އެ ދާއިރާގައި ވާދަކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް މުޙައްމަދު ރަޝީދް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ހައިކޯޓުން ތާވަލްކޮށްފިއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުންތައް ބޭއްވުމަށް ތާވަލްކޮށްފައިވަނީ މާދަމާ ހެދުނު އެގާރަގަޑި ފަނަރައިގައެވެ. އިންތިޚާބު ބާތިލްކުރުމަށް މުހައްމަދު ރަޝީދު ހުށައަޅާފައިވާއިރު ދުއިސައްތަ އެއްވޯޓްގެ ތަފާތުން އެދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީއެވެ.
ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް މާދަމާ ފަށާއިރު ފުނަދޫ ދާއިރާއާއި ތިމަރަފުށީ ދާއިރާގެ އިތުރުން ކުރެންދޫ ދާއިރާގެ އިންތިޚާބްވެސް ބާތިލްކުރުމަށް އެދި ހައިކޯޓަށް ހުށައަޅާފައިވެއެވެ.
ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ހުށައަޅާފައިވަނީ އެ ދާއިރާގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އައްބާސްއެވެ. އޭނާއާއި ވާދަކޮށް ހަތްދިހަ ފަސްވޯޓްގެ ތަފާތުން ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގެ މެމްބަރު އަދި މިހާރުވެސް އެދާއިރާ މެމްބަރު އަލީ ސަލީމެވެ.
ކުރެންދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ހުށައަޅާފައިވަނީ އެ ދާއިރާގެ ގޮނޑިއަށް ވާދަކޮށް އެންމެ ހަތްވޯޓްގެ ތަފާތުން ބަލިވި ޖުމްހުރީ ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުވެސް އެދާއިރާގެ މެމްބަރު އަޙްމަދު މޫސާއެވެ. ހަތްސަތޭކަ ފަންސާސް ފަސް ވޯޓާއެކު ކުރެންދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ މެމްބަރު އަބްދުލް ބާރީ އަބްދުﷲއެވެ.
ތިމަރަފުށީ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ހުށައަޅަފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު މުސްތަފާއާއި ވާދަކޮށް އެންމެ ނުވަވޯޓްގެ ތަފާތުން ބަލިވި މިހާރުވެސް އެ ދާއިރާގެ މެމްބަރު އަހްމަދު ޝަރީފެވެ. އެ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ޕީޕީއެމްގެ ކެނޑިޑޭޓް ކޯޓަށް ހުށައަޅާފައިވާއިރު މުހައްމަދު މުސްތަފާވަނީ ދާދި ފަހުން ޕީޕީއެމްއަށް ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ