ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ދައުވާކުރުމަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.
ޕީޖީ އޮފީހުން ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްސަލަ އަނބުރާ ފޮނުވާލީ ކޮން ސަބަބަކާއި ގުޅިގެންކަން އަދި އެނގިފައެއް ނުވެއެވެ.
ރައީސް މައުމޫން އާއި ދެ ފަނޑިޔާރުންގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފުލުހުން މައްސަލަ ފޮނުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަނީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ. އަދި ހަސަން ސައީދުގެ މައްޗަށް ދައުވާކުރަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
މީގެއިތުރުން މި ބޭފުޅުންގެ މައްޗަށް ވަނީ ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތާއި ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް ކޮށްފައެވެ.
ފުލުހުން މީގެ ކުރިން ވިދާޅުވެފައިވަނީ މިބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަށް ހެކި ލިބިފައިވާ ކަމަށެވެ.
މައުމޫން އާއި ދެ ފަނޑިޔާރުންގެ މައްސަލަ އަނބުރާ ފޮނުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ