އެއްވެސް ނުރައްކަލެއް އޮތްނަމަ އެކަމުގެ ތަފްސީލް ހާމަކޮށްދިނުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ޑިފެންސް މިނިސްޓްރީގައި އެދިވަޑައިގެންފިއެވެ.
މިރޭ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ގެއްލުމެއް ދޭން އުޅޭ ކަމަށް ޑިފެންސް މިނިސްޓްރީން އިއްޔެ ވިދާޅުވެ ދެ ސިފައިން މިހާރު އެމަނިކުފާނުގެ ގެކޮޅުގައި އަބަދުވެސް ތިއްބަވާ ކަމަށެވެ.
ރައީސް މައުމޫނަށް ގެއްލުމެއް ދީފާނެ ކަމުގެ މައުލޫމާތު ލިބިގެން އެމަނިކުފާނުގެ ސަލާމަތީފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް އެފަދަ ނުރައްކަލެއް އޮތްކަމުގެ އެއްވެސް ހެކެއް ލިބިފައި ނެތް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ނުރައްކަލެއް އޮތްނަމަ އެކަމުގެ ތަފްސީލްތައް ދެއްވުމަށް މިހާރު އެދިވަޑައިގެންފައި ވާނެ ކަމަށާއި އެއީ އަމިއްލަފުޅަށް ސަލާމަތީ ކަންތައްތައް ބަލަހެއްޓެވުމަށްޓަކައި ކަމަށެވެ.
ރައީސް މައުމޫން ދިރިއުޅުވާ އަލިވާގޭގެ ސަލާމަތީ ފިޔަވަޅުތައް ރެއިން ފެށިގެން ވަރުގަދަ ކޮށްފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް މިކަމާއި ބެހޭ ގޮތުން ސިފައިން މާގިނަ މައުލޫމާތެއް ނުދެއްވައެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މިއަދު ވިދާޅުވީ އެމްއެންޑީއެފް އިން ފޯރުކޮށްދޭ ސެކިއުރިޓީގެ ކަންކަން ކުރިއަށް ގެންދަނީ ހަމަޖެހިފައިވާ އުސޫލުން ކަމަށާއި އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
ނުރައްކަލެއް އޮތްނަމަ ތަފްސީލް ހާމަކޮށްދޭން މައުމޫން ސިފައިން އަރިހުން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ