ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮއްފައިވާ ކުރީގެ ރައީސް މައުމޫން މިވަގުތު ހުންނެވި ތަނެއް ފުލުހުން ކަށަވަރު ކޮށްދެވިފައިނުވާ ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލު މައުމޫން ހަމީދު މިހެން ވިދާޅުވީ ރައީސް މައުމޫން ދޫނިދޫ ޖަލަށް އަނެއްކާވެސް ބަދަލު ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓްގައި މައުމޫން ހަމީދު ވިދާޅުވެފައިވަނީ، އަތޮޅުވެހީގައި ހުރި ފުލުހުންގެ ސީނިއަރ ޑިއުޓީ އޮފިސަރަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ހުންނެވިތަން ޔަގީން ކޮށް ނުދެއްވުނު ކަަމަށާއި އެމަނިކުފާނާއި ބައްދަލު ކުރުމަށްވެސް ފުރުސަތު ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.
"ރައީސް މައުމޫންގެ ހާލުކޮޅު ރަގަޅުކަން ކަށަވަރު ކުރުމަށް ފުރުސަތު ދީފައިނުވާ އިރު އާއިލާއަށް ފޯނުން ވާހަކަފުޅު ދެއްކެވޭނެ ގޮތް ވެސް ހައްދަވައިފައިނުވޭ." މައުމޫން ހަމީދު ވިދާޅުވި އެވެ.
މި ޓުވީޓްގައި މައުމޫން ހަމީދު ވަނީ މިކަމުގެ ސަބަބަކީ ކޮބައިކަން ސުވާލު ކުރައްވާފައެވެ. އަދި އޯޑަރެއް ތޯ ވަނީ އައްސަވާފަ އެވެ. އިތުރަށް މައުމޫން ހަމީދުގެ ޓްވީޓުގައި ވަނީ ރައީސް މައުމޫނަށް އަދަބެއް ދިނީތޯ ސުވާލު ކުރައްވާފަ އެެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް މައުމޫން ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވާއިރު މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ރައީސް މައުމޫން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރެއްވުމަށް ފަހު ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.
ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމުތައެވެ.
ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.
މައުމޫން ހުންނެވި ތަނެއް ފުލުހުން ޔަގީން ކޮށް ނުދޭ - މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ