ބާރުގަދަ ފަރާތްތަކުން ކަންތައްް ބޭނުން ގޮތަކަށް ކުރަމުންދާތީ އެކަމާއި ބިރުފުޅު ގަންނަ ކަމަށާއި އެހެން ނަމަވެސް ހައްގު ގޮތުގައި ހުންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ޖޭޕީން ނަމެއް ހުށަހަޅައިފިނަމަ ސަރުކާރު ކޯލިޝަނުން ޖޭޕީ ވަކިވާނެ ކަމަށް ޕީޕީއެމް ކައުންސިލުން ރޭ ނިންމާފައިވަނިކޮށެވެ.
ގާސިމް މިއަދު ވިދާޅުވީ ކޯލިޝަން އެއްބަސްވުމާއި ހިލާފުވަނީ ޖޭޕީ ނޫން ކަމަށާއި އެއްވެސް މަޝްވަރާއެއް ނެތި ޕީޕީއެމުން މަޖިލީހުގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް ދެމެންބަރުން ނެރެން ނިންމުމުން އެގްރިމެންޓާ ހިލާފުވީ ކޮން ބައެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
އަދި މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމުގައި ޕީޕީއެމުން އެއްވެސް ވަރަކަށް މަސައްކަތް ނުކުރާ ކަމަށާއި އެގޮތުން ޕްރެސެކިއުޓާ ޖެނެރަލް އާއި މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ (އެމްއެމް) ގެ ގަވަނަރު ކަމަށް ބޭފުޅަކު އައްޔަންކުރުމުގައި ވެސް މަޝްވަރާކޮށްފައިނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ވެގެން އުޅޭ ގޮތަކީ އަޅުގަނޑުމެން [ކޯލިޝަނުން] ބޭރުކޮށްލަން މަސައްކަތްކުރާތާ ކިތަންމެ ދުވަހެއް، އެހެން މިދަންނަވަނީ ވެފައިވާ އަހުދުތައް ނުފުއްދަވާފައިވާތީ މިހާތަނަށް ވެސް ލިބިފައި ވަނީ 34 ސިޔާސީ މަގާމު. އެކަމު މިއަދު ޕީޕީއެމަށް މަގާމުތައް ލިބެމުންދޭ." އެއްބަސްވުމާއި ހިލާފުނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމާއި ތަކުރާރުކޮށް ހިލާފުވެފައިވަނީ ޕީޕީއެމް ކަމަށާއި ނަމަވެސް ޕީޕީއެމުން މަސައްކަތް ކުރަނީ ޖުމްހޫރީ ޕާޓީގެ ބޮލުގައި އެކަން އެޅުވުމަށް ކަމަށެވެ.
ސިޔާސީ ނުފޫޒްގެ ދަށުގައި އަމިއްލަ މިނިވަންކަން ނެތް ހާލަތުގައި ފިތިގެން ހުންނަން ބޭނުން ނުވާކަމަށާއި އެކަމާއި ދެކޮޅަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ގާސިމް މިއަދު ވިދާޅުވި އެވެ.
ބާރުގަދަ ފަރާތްތަކުން ކަންތައް ނިންމާތީ ބިރުގަނޭ، އެކަމަކު ހައްގު ގޮތުގައި ހުންނާނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ