ރައީސް ނަޝީދު ވެރިކަމުގައި ހުންނެވުމަށް ގާނޫނީ ހައިސިއްޔަތެއް ނެތް: ގާސިމް އިބްރާހިމް

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ މިއަދު ގަނޫނީ އެއްވެސް ހައިސިއްޔަތެއް އޮތް ބޭފުޅެއްނޫން ކަމަށާއި "ލަދުވެތިކަމެއް ހުރިއްޔާ" ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ފަހު ގެއަށް ވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް ގޮވައިލައްވައިފި އެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ސަރުކާރުން ކުރަމުންދާ ކަންތައްތަކާ ދެކޮޅަށް އިދިކޮޅު ޑީއާރުޕީން އިސްނަގައިގެން އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ރައީސް ނަޝީދު ކަންތައްތައް ކުރައްވަމުން ގެންދަވަނީ ބޭނުން ގޮތަކަށް ކަމަށެވެ. އަދި ދައުލަތުގެ ހަރު މުދާތައް ރައީސް ނަޝީދު ބެއްލެވުމެއްނެތި ވިއްކައި ހުސްކުރަމުންދާ އިރު ބަލަންތިބެންވީތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.http://www.youtube.com/watch?v=3aIksD0aYb4
ރާއްޖޭގައި ޑިމޮކްރެޓިކްވެއްޓެއް ގާއިމްކުރަން މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް ނަޝީދު ފެނިގެންދިޔަ ނަމަވެސް ޑިމޮކްރެޓިކް ވެރިކަމެއް ގެނައުމަށް ނަޝީދު ކުރެއްވި މަސައްކަތް ފެންނަން އޮތީ ބަހަނާއެއްގެ ގޮތުގައި ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ.
ގާސިމު ވިދާޅުވީ، ވަޒީފާގެ ބިރު ދައްކައިގެން ރައީސް ނަޝީދު ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފް އަމަލުތައް ހިންގުމަށް ފުލުހުންނަށް ވެސް މަޖުބޫރު ކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނުގެ މެންޑޭޓެއް ނޫންކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެމަނިކުފާނުގެ މެންޑޭޓެއްނޫން އެއީކީ. ވެރިކަމަށް ވަޑައިގެން 21 ދުވަހުރެ ތެރޭގައި އަޅުގަނޑު އެތަނުން ނުކުތް ހިސާބުން އެމަނިކުފާނުގެ މެންޑޭޓް ހިނގައްޖެ. ގައުމު ވިއްކައި ހުސްކޮށްނުލަނީސް އަޅުގަނޑުމެން އެބަޖެހޭ މިކަން ބަދަލުކުރަން. ނަޝީދު ވެރިކަމަށް ގެނައުމަށް އަޅުގަނޑުކުރި މަސައްކަތާ ގުޅިގެން މާފަށް އެދުނު އެދުމުގެ ތެދުކަން މިހާރު ހާމަވޭ،" ރައީސް ނަޝީދުގެ ކެބިނެޓްގައި ފުރަތަމަ ހޯމް މިނިސްޓަރުކަން ކުރެއްވުމަށް ފަހު 21 ދުވަހުގެ ތެރޭގައި އިސްތިއުފާ ދެއްވި ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ