ވެރިން ސޯޝަލް މީޑިއާގައި "ސަނާ" ކިޔާއިރު ރައްޔިތުން ބިކަ ހާލުގައި!

އައްޑޫއަށް ސަރުކާރުގެ ވަޒީރަކު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވަނީއެވެ. ފިޔާތޮށި ޓައި އަޅައިގެން އެއާޕޯޓަށް ދިއުމަކީ އެންމެ ފަސްޓް ޕްރައިއޯރިޓީއެވެ. އޮފީހުގެ ވީހާ ވެސް ގިނަ މުވައްޒަފުން ގަމަށް ގެންދިއުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ތިމާގެ ފަހަތުގައި ގިނަ ބަޔަކު ތިބިކަން ދައްކަން ވަރަށް މަސައްކަތް ކުރާނެއެވެ.
މިއީ އައްޑޫގައި ތިބި ސަރުކާރުގެ ގިނަ މުއައްސަސާތަކުގެ ވެރިންގެ ކަންތައް ހުންނަ ގޮތެވެ. ސަރުކާރުގެ ވެރިން ވަޑައިގަންނަވާ ދުވަސްވަރެއް ނަމަ މަގުތައް ހެދުމުގެ މަސައްކަތް ވެސް ކޮންމެވެސް ވަރަކަށް ކުރިއަށް ދާނެއެވެ. އޮފީސްތަކުގެ ތެރޭގައި މީހުންގެ ހާލު ބަލަން ވެސް ނިކުމެ އުޅުއްވާނެއެވެ.
ސަރުކާރުގެ ވަފުދު ނުވަތަ ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުން އެހިސާބުން ޒިންމާ ބަދަލުވަނީ ޓްވިޓާ އާއި ފޭސްބުކަށެވެ.
މުޅިްވެސް ޓްވީޓް ކުރާނީ ގިނައިން، މާލޭގައި ފަށާ ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކައެވެ. ހުޅުމާލެ/ މާލެ ބްރިޖްގެ ވާހަކައެވެ. އައިޖީއެމްއެޗްގެ ބޮޑު އިމާރާތުގެ ވާހަކައެވެ. ނުވަތަ މޮނިއުމެންޓެއް ބެހެއްޓި ވާހަކައެވެ.
އަތޮޅުގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ފަދަ ޒިންމާދާރު ވަޒީފާ ތަކުގައި ތިއްބެވި ނަމަވެސް، އޮފީހުގެ ރަސްމީ ގަޑީގެ ބޮޑުބައެއް ހޭދަވަނީ، ކޮންމެވެސް ރެސްޓޯރެންޓެއްގައެވެ.
އެއަތޮޅަށް ސަރުކާރުން ވި ވައުދު ނުފުއްދި ވާ ހަނދާން ޓްވީޓަކުން ކޮށްލާކަށް ނުކެރެއެވެ. ނުވަތަ ރަށުގެ ބަނދަރު ހަލާކުވެފައި ނުވަތަ މަގުގައި ވަޅުގަނޑު ހެދިފައި ހުންނަ ފޮޓޯއެއް ސޯޝަލް މީޑީއާގައި ހިއްސާ ކޮށްލެވޭހާ ހިތްވަރެއް ނުހުރެއެވެ. ރައްޔިތުން ބިކަ ހާލުގައި ތިބޭއިރުވެސް ހަމަ ސަނާ ކިޔަނީއެވެ.
ދާދިފަހުން ހިނގި ކަމެކެވެ. ހިތަދޫ ސަރަހައްދީ ބަނދަރުގެ ބާޖް ހޭންޑްލާ މާލެ ގެންދިއުމަށް ފަހު ދެމަސް ފަހުން އަނބުރާ އައްޑޫއަށް ގެނައުންވީ އެޗްޕީއެލްގެ ވެރިންގެ ނަޒަރުގައި އުފާފާޅުކުރަން ޖެހޭ ކަމަކަށެވެ. މުވައްޒަފުން އެކަމާއި ޚިޔާލު ތަފާތުވެ ދެއްކި ވާހަކަތަކަަށް ދިނީ ބީރު ކަންފަތެކެވެ.
މަގުތައް ބެލެހެއްޓުމުގައި ފެއިލްވެއްޖެ
އައްޑޫގައި އެމްއާރްޑީސީ އާއި ހައުސިން މިނިސްޓްރީ ފެއިލްވެފައިވާ ކަމަށް ރައްޔިތުން ބުނެ ދައްކާ ހުއްޖަތަކީ، އައްޑޫގެ މަގުތަކުގެ ފެންވަރެވެ. ތާރު އެޅި މަގުތަކުގައި ވަޅުގަނޑުތައް ހެދިފައިވާއިރު، ވެލި މަގުތަކުގެ ހާލަތު އެއަށް ވުރެ ދެރައެވެ. ވިއްސާރަ މޫސުމުގައި އެއީ އަޑި ނޭނގޭ ފުން ކަނޑުތަކެކެވެ.
އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމެންޓުން ބުނާގޮތުގައި، އެތައް ފަހަރަކު މަގުތައް މަރާމާތު ކުރަން އެމްއާރްޑީސީގައި ވާނީ އެދިފައެވެ. ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހައުސިން މިނިސްޓްރީގެ މުވައްޒަފަކު ބުނި ގޮތުގައި 4 ފަހަރެއްގެ މަތިން މަގުތައް މަރާމާތު ކޮށްދިނުމަށް އެދި ވަނީ ސިޓީ ފޮނުވިފައެވެ.
މަގުތައް ހެދުމުގެ މައްސަލަ އޮތީ، ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމެންޓާއި އެމްއާރްޑީސީ އާއި ދެމެދު ޖަހާ "ބޯޅަ" އެއްގެ ގޮތުގައެވެ. ހުރިހާ ތުރާލެއް ރައްޔިތުންނަށެވެ.
"ވަސީލަތްތައް އެބަހުރި، ނެތީ އިޚްލާސްތެރިކަން"
އައްޑޫގައި ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގައި ހެދިފައިވާ ވަޅުގަނޑުތަކުގެ މައްސަލައިގައި ކޮންމެ ދުވަހަކު ވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެމްއާރްޑީސީ އާއި ހައުސިން މިނިސްޓްރީ އަށް ވެސް ޝަކުވާ ހުށަހަޅައެވެ. އެހެން ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ނުލިބެއެވެ.
އެމްއާރްޑީސީގެ އައްޑޫ ސައިޓްގައި ހިލަވެލި އާއި ސިމެންތި އަދި ތާރު ވެސް އެބަހުއްޓެވެ. މަސައްކަތް ކުރާނެ މުވައްޒަފުންނާއި ވެހިކަލްތައް ވެސް ހުރި އިރު މަގުތައް މަރާމާތު ނުކުރެވުމަކީ މައްސަލައެކެވެ.
އެމްއާރްޑީސީ އައްޑޫ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަަފަކު ބުނި ގޮތުގައި، އެތަނުގައި ތިބެނީ ހުސްވެރިން ކަމަށާއި، ޒިންމާ ނަގާނެ މީހަކު ނުހުންނަ ކަމަށެވެ.
"ރަނގަޅު ކަމެއް ކުރެވިއްޖެ ނަމަ އެއީ ތިމާގެ މޮޅުކަން ކަމަށް ދައްކަން ކޮންމެ މީހަކު ވެސް އަވަހަށް ވަޒީރުންނަށް ފޮޓޯ ފޮނުވުން އެމީހުންގެ ކަމަކީ. އެކަމުގެ ވާދަވެރިކަމާއި އެކަކު އަނެކަކުގެ 'ބޯޅަ' ޖެހުން."
"އަމާޒަކީ ރައްޔިތުންގެ ނަފްރަތު ހޯދުން ؟"
އަމިއްލަ ޕާޓީގެ ބޭފުޅުންނާއި ގުޅުން އޮވެއެވެ. ތިމާގެ ވިސްނުމާއި ދެކޮޅަށް އެއްޗެކޭ ބުނެފި މީހަކީ، ދުޝްމަނެކެވެ. އެއީ ޒާތީ ވެގެން އުޅޭ މީހެކެވެ. މިއީ އައްޑޫގައި ހުރި ސަރުކާރުގެ ވުޒާރާތަކުގައި މަސައްކަތް ކުރާ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތެވެ.
ރައްޔިތު މީހާ ޚިދުމަތެއް ހޯދަން އައްޑޫގައި ހުރެފައި ދާނީ، އައްޑޫގައި ހުންނަ އޮފީހަށެވެ. އެތަނުން ފުސްމޫނު ދައްކައިގެން ރުންކުރުވެ ހުންނަވާ ވެރިއަކާއި ދިމާވެއްޖެ ނަމަ ރައްޔިތު މީހާގެ ނަފްރަތު އަމާޒު އެވަނީ ސަރުކާރަށެވެ.
ޖެހިގެން އަންނަ ދުވަހު، ސަރުކާރުން އެ ވެރިޔަކު މަޤާމުން ވަކި ކުރި ނަމަވެސް، ނުވަތަ އިތުރު ވެރިޔަކު އައްޔަން ކުރި ނަމަވެސް ސަރުކާރަށް ސިޔާސީ ގޮތުން ލިބޭ ގެއްލުން ބޮޑެވެ.
ރައީސުލްޖުމްހޫރިއްޔާ ކިތަންމެ ފަހަރަކު ރައްޔިތުންގެ މެދުގައި ތަފާތު ނުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެމީހުންނާއި އެންމެ ގާތުން ޚިދުމަތް ދޭން އައްޔަންކޮށްފައިވާ ވެރިންގެ ކިބައިގައި އިޚްލާސްތެރިކަމެއް ނެތިއްޖެ ނަމަ ނަފްރަތު އަމާޒު ވަނީ ސަރުކާރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ