ނުރައްކާތެރި އިންޒާރެއް: ރާއްޖޭގައި އޭޑްސް ބަލީގެ 52 މީހުން ތިބެދާނެ

އަހުމަދު އަބްދުﷲ
އެޗްއައިވީ/އޭޑްސްއާ ކުރިމަތިވެފައި ތިބި 13 ދިވެއްސަކު މިހާތަނަށް ފެނިފައި ވިޔަސް ސަރުކާރުގެ ލަފާކުރުން ދައްކާ ގޮތުގައި އެ އަދަދު މާ މަތިވެދާނެ އެވެ؛ ދުނިޔެ އަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ބައްޔަށް މީހުން ހުށަހެޅިދާނެ މިންގަނޑަށް ބަލާ އިރު ސަރުކާރުން ލަފާކުރައްވަނީ ރާއްޖޭގައި އެޗްއައިވީ ވައިރަސް ހުރި ނުވަތަ އޭޑްސް ޖެހިފައިވާ 52 ދިވެހިން ތިބުން އެކަށީގެންވާ ކަމަށެވެ.
ދުނިޔޭގައި މި އަހަރު ތިން މިލިއަން މީހުން މަރުވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ލަފާކޮށްފައިވާ ބަލީގައި މިހާތަނަށް ނުވަ ދިވެހިން ވަނީ މަރުވެފަ އެވެ. ދުނިޔޭގައި ތިބީ އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ ހަތަރު މީހުންނެވެ. އެއީ ތިން ފިރިހެނުންނާއި އަންހެނެކެވެ.
ޑަބްލިޔޫއެޗްއޯ އިން އަންދާޒާކުރާ ގޮތުގައި އެޗްއައިވީ/އެއިޑްސް ހުރެގެން ފެންނަ ކޮންމެ މީހަކަށް 10 މީހުން ފާހަގަނުކުރެވި ހުރެދާނެ އެވެ. އެކަމަކު ރާއްޖޭގައި އާންމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައްލަވާ ސަރުކާރުން ލަފާކުރައްވަނީ އެޗްއައިވީ/އެއިޑްސް ހުރިކަން ކަށަވަރުވެފައިވާ ކޮންމެ މީހަކަށް އޭގެ ހަތަރު މީހުން ތިބެދާނެ ކަމަށެވެ. އެހެންކަމުން އެ ނިސްބަތަށް ބަލާ އިރު ރާއްޖޭގައި އެޗްއައިވީ/އެއިޑްސްގެ 52 މީހަކު ދިރިއުޅުން އެކަށީގެންވެ އެވެ.
"ޓެސްޓްތަކުން ނުފެންނަ މީހުންނާއި ވިންޑޯޒް ޕީރިއަޑުގެ މީހުން ވެސް އޭގެ ތެރޭގައި ހިމެނޭނެ،" ރާއްޖޭގައި އޭޑްސް ޕްރޮގްރާމުގެ ކަންތައްތައް ހިންގެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕަބްލިކް ހެލްތުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ދިވެއްސެއްގެ ހަށިގަނޑުން އެޗްއައިވީ ފެނުނުކަން ރަސްމީކޮށް ފުރަތަމަ އިއުލާން ކުރެއްވީ 18 ނޮވެމްބަރު 1991 ގަ އެވެ. އޭގެ ފަހުން މިހާތަނަށް ފެނުނު މީހުންގެ ތެރެއިން ދުނިޔޭގައި ތިބި ހަތަރު މީހުންގެ ހާލު ރަނގަޅު ކަމަށް ޕަބްލިކް ހެލްތުން ބުނެ އެވެ.
"އެ ހުރިހާ އެންމެންގެ ހާލުއަހުވާލު މިވަގުތު ރަނގަޅު. އެންމެންގެ ބަލިހާލު ވެސް ވަރަށް ގާތުން ބަލަމުން މިގެންދަނީ. އެ ހުރިހާ އެންމެން ވެސް ތިބީ މާލޭގައި،" ޕަބްލިކް ހެލްތުގެ އޮފިޝަލް ވިދާޅުވި އެވެ.
އާންމުކޮށް ޖިންސީ ގުޅުމުން އަރާ އޭޑްސް ބަލީގެ މީހުންގެ ހަށިގަނޑުގައި ވައިރަސް އިތުރުވިޔަ ނުދިނުމަށާއި ދިފާއީ ނިޒާމުގެ ހާލަތު ދަށަށް ދިޔަ ނުދިނުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަނީ ފަސްޓް ލައިން ޑްރަގްސް ދޭން ފަށައިފަ އެވެ. އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ބޭނުންކުރާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ފާސްކޮށްފައިވާ ފަރުވާއެކެވެ.
"ރާއްޖޭގައި އޭޑްސް ބައްޔަށް ބަދަލުވެފައިވާ މީހާ އަށް މަހެއްހާ ދުވަސް ކުރިން އަޅުގަނޑުމެން ބޭސް ދޭން ފަށައިފިން. އެއީ މުޅި ދުނިޔޭގައި ވެސް ބޭނުންކުރާ ބޭސް. އޭގެ ތިން ހަތަރު ވައްތަރެއް އުޅޭ. ބޭސް ކާން ފެށުމަށް ފަހު އެންމެ ފަހަރަކު ބޭސް ނުކައި ދިޔަސް ރެސިސްޓެންސް ގެއްލިދޭ،" އޮފިޝަލް ވިދާޅުވި އެވެ. "މި ބޭސް ބޭނުންކުރަން ޖެހެނީ އެޗްއައިވީން އޭޑްސް އަށް ބަދަލުވެ، ހާލު ދެރަވާން ފެށީމަ. އޭރުން ހަށިގަނޑުގައި ވައިރަސް މަދުވެ، އެހެން ބަލިތައް ޖެހުން ދުރުކޮށްދޭނެ."
އިންސާނީ ދަރިފަސްކޮޅަށް މިހާރު ކުރިމަތިވެފައިވާ ސިއްހީ އެންމެ ބޮޑު އެއް ނުރައްކަލަކީ އޭޑްސް ބައްޔެވެ. ފަރުވާއެއް ފެނިފައި ނުވާ މި ބަލި މުޅި ދުނިޔޭގައި ސާލެއްހެން ދަނީ ފެތުރެމުންނެވެ. އެތައް ބަޔަކު މަރުވެ ހިނގައްޖެ އެވެ. އަދި އެބަލީގެ ނުރައްކާތެރި އިންޒާރުތަކުގެ އަޑު ވެސް ދަނީ ގަދަވަމުންނެވެ. ރާއްޖޭގައި ވެސް އެ އަޑު ގަދަވެދާނެ ކަމުގެ ނިޝާންތައް ފެނެ އެވެ. ސިއްހީ ފަރާތްތަކުން ކުރާ އަންދާޒާ އަށް ބަލާ އިރު އެ ނުރައްކާ ކުޑަ ނޫންކަން ސާބިތުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ