އައްޑޫ ހޮސްޕިޓަލުގައި ކެތު ލެބުގެ ހިދުމަތް ފަށާނެ ދުވަސް ސާފުކޮށްދޭން އަޒާން އެދިއްޖެ އައްޑޫ ހޮސްޕިޓަލުގައި ކެތު ލެބުގެ ހިދުމަތް ފަށާނެ ދުވަސް ސާފުކޮށްދޭން އަޒާން އެދިއްޖެ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކެތު ލެބުގެ ހިދުމަތް ފަށާނެ ދުވަސް ސާފުކޮށްދޭން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އެދިއްޖެ އެވެ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއަށް ވަޒީރުންނާއި ސުވާލުކުރުމުގެ ނޯޓިސް ފޮނުއްވައި އަޒާން އެދުނީ ކެތު ލެބުގެ ހިދުމަތް ނުފެށި ލަސްވަނީ ކީއްވެތޯ އާއި ހިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ ދުވަސް ލިޔުމުން ސާފުކޮށްދިނުމަށެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން މިދިޔަ އަހަރު އިމަޖެންސީގައި މާލެއަށް ފޮނުވި ކޮންމެ ފަސް މީހަކުން އެކަކަކީ ކާޑިއެކް އެމަޖެންސީގެ ސަބަބުން ފޮނުވަން ޖެހުނު މީހުން ކަމަށް އަޒާން ފާހަގަކުރެއްވި އެވެ.
އައްޑޫ ހޮސްޕިޓަލުގައި ކެތު ލެބެއް ގާއިމު ކުރުމުގެ މަސައްކަތް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފަށާއި އެ މަސައްކަތް އޮކްޓޯބަރު 17، 2023 ގައި ވަނީ ނިންމާފަ އެވެ. ނަމަވެސް މިހާތަނަށް އެތަނުން ހިދުމަތް ދޭން ފަށާފައެއް ނުވެ އެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މާލޭގައި ހުރި ފެންވަރުގެ ކެތު ލެބެއް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ރައީސް މުއިއްޒު އެހެން ވިދާޅުވިއިރު ކެތު ލެބުގެ މަސައްކަތް އެއްކޮށް ނިމި، އޮޕަރޭޝަން ފެށުމަށް އޮތީ ތައްޔާރުވެފަ އެވެ.
މި ވެރިކަން ފެށުނު ފަހުން އޭއީއެޗުގެ ކެތު ލެބު އޮޕަރޭޓު ކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުގެ އިސްވެރިންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ