ދަރިން ތަރުބިއްޔަތު ތިއަކުރަނީ ދަރިންގެ ފަރާތުން މައިންބަފައިން އެންމެ ބޮޑަށް ބޭނުންވާނެ އަދި އެންމެ ފައިދާހުރި ކަންތައް ޙާޞިލުކުރެވޭނެ ގޮތަށް ހެއްޔެވެ؟

ދަރިންގެ ކިބައިން އެއްވެސް ކަމަކަށް ބޭނުން ނޫންކަމަށް ބުނި ނަމަވެސް އެއީ އަދި މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ. ބޭނުންވާ އަދި ބޭނުންވާންޖެހޭ ކަންތައްތަކެއްވެސް ހުރުމުންނެވެ. އެއްވެސް ޙާލެއްގައި މިދައްކަނީ ފައިސާއާއި އެފަދަ ކަންކަމުގެ ވާހަކައެއް ނޫނެވެ. ރަނގަޅަށް ވިސްނައިލަމާ ހިނގާށެވެ!
ހުރިހާ ކަންކަމުގައި ދުނިޔަވީ ފައިދާއަށް ބެލެމުން އައިސް ދަރިންގެ ކިބައިންވެސް އެންމެ ބޮޑު ފައިދާއެއް ކުރާނީ އެދަރިންނަށް އެންމެ ބޮޑު މސާރަލިބޭ ވަޒީފާއެއް ލިބުމުން ނުވަތަ ދަރިންގެ ތަނަވަސްކަން އިތުރުވުމުންކަމަށް މިއަދު މިވަނީ ބެލެން ފަށައިފައެވެ. ނަމަވެސް ޙަޤީޤަތް މުޅިން ތަފާތެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މަރުވުމަށްފަހު ދަރިންގެ ފަރާތުން މަންފާ ކުރާނީ އެ ދަރިންގެ ހެޔޮ ދުޢާއިން އެކަނި ކަމަށެވެ. އެއީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫނެވެ. ޞާލިޙް ދަރިންގެ ދުޢާއިން މައިންބަފައިންނަށް ސަވާބު އިތުރުކޮށްދެއްވަވާނެތެވެ. އެއިގެ އިތުރުން އެދަރިން ކުރާ ކޮންމެ ހެޔޮ އަމަލަކުންވެސް އެދަރިންނަށް އުނިކުރެއްވެވުމެއް ނެތި މައިންބަފައިންނަށް ސަވާބު އިތުރުކޮށްދެއްވަވާނެތެވެ. އެހެނީ އެދަރިން ޞާލިޙް ދަރިންކަމުގައި ވެފައި އެތިބީ މައިން ބަފައިންގެ މަސައްކަތުން ކަމުގައި ވާތީއެވެ.
ނަމަވެސް ކުރިން ފަށަމުން ބުނި ސަބަބަށްޓަކައި ދަރިންނަކީ ހެޔޮލަފާ، ޞާލިޙް ޢަމަލުކުރާ ދަރިން ކަމުގައި ހެދުމަށް ދޭންޖެހޭ ސަމާލުކަން ދިނުމުގައި ވަރަށް ގިނަ މައިންބަފައިން މިއަދުވަނީ ވަރަށް ބޮޑަށް އިހްމާލްވެފައެވެ. ހުރިހާ ކަމަކީ ދަރިންނަށް ގިނަ ފައިސާ ލިބޭނެ މަގުތަނަވަސްކޮށްދިނުން ކަމަށް ބަލާ މައިންބަފައިން ވަރަށް ގިނަވެއްޖެއެވެ.
ދަރިންނަށް ޢިލްމު އުނގަންނައިދިނުމުގެ އިތުރުން ޢިލްމު ފަތުރަން މަސައްކަތްކުރާ ކުދިން ކަމުގައި ހަދަން މަސައްކަތްކުރާށެވެ. އެކަންކަން ކުރުމުން އެކަމުގެ ފައިދާ ދަރިންނަށާއި މައިންބަފައިންނަށްވެސް ކުރާނެއެވެ.
އެމީހެއްގެ ސަބަބުން ފެތުރުނު ޢިލްމުގެ ފައިދާ މީހުންނަށް ކުރާ ވަރަކަށް، ޢިލްމު ފެތުރި މީހާ، އެކަމަށް މަގުފަހިކޮށްދިން މީހާ، މަރުވެފައި އޮތް ނަމަވެސް އެކަމުގެ ފައިދާ ކުރާނެއެވެ. ވީމާ ދީނުގެ ޢިލްމާއި މައުލޫމާތު ފަތުރާ ޓީވީތަކަށާއި މީޑިއާތަކަށްވެސް އެހީތެރިވެދޭށެވެ! އެ މީޑިއާއަކުން ފެތުރި ހެޔޮ ލަފާ ޢިލްމާއި މައުލޫމާތުގެ ސަބަބުން އެމީހަކަށް، ކައްވަޅުގައި އޮތް ނަމަވެސް ދާނީ ސަވާބު ލިބެމުންނެވެ.
މިސާލަކަށް މީޑިއާއަކުން ފެތުރި މައުލޫމާތަކާއި ގުޅިގެން މީހަކަށް ހިދާޔަތް ލިބިއްޖެނަމަ، މީހަކު ޞަދަޤާތްކޮށްފިނަމަ، މީހެއްގެ ތަޤްވާވެރިކަން އިތުރުވެއްޖެނަމަ، މީހެއްގެ ޢަމަލުތައް އިޞްލާޙެވެއްޖެ ނަމަ އެ މައުލޫމާތު ފަތުރަން ވާގިވެރިވި އެންމެންނަށް އެކަމުގެ ސަބަބުން ސަވާބު ލިބޭނެއެވެ. ހަމަ އެފަދައިން އެ މައުލޫމާތު ފެތުރި ޢިލްމުވެރިޔާއަށް ވެސް އެކަމުގެ ސަވާބު ލިބޭނެއެވެ.
ދަރިން މައިންބަފައިންނަށް އިހްތިރާމް ނުކުރުމާއި މައިން ބަފައިންގެ ބަސް ޤަބޫލު ނުކުރުމަކީ ފަހު ޒަމާނުގެ ޢަލާމާތެކެވެ. އެހެންކަމުން މައިން ބަފައިންނަށް އަޅައިލުމާއި ކިޔަމަންތެރިވުމާއި މައިން ބަފައިން މަރުވުމުން ހެޔޮ ދުޢާކުރުން މިދަނީ ނެތެމުންނެވެ. ނަމަވެސް މިއިން ކޮންމެ ކަމަކީވެސް އެކަމެއް ކުރުމުން ދަރިންނަށް ވެސް އެކަމުގެ ސަބަބުން ސަވާބު އިތުރުވާނެ ކަންކަމެވެ.
ދަރިންނޭވެ! މިކަމަށް ހޭލުންތެރިވާށެވެ! މައިން ބަފައިން މަރުވުމުން އެމީހުންނަށްޓަކައި ހެޔޮ އަމަލުތައްކޮށް ހެޔޮ ދުޢާކުރުން ގިނަކުރާށެވެ! ޙައްޖު ނުވެތިބިނަމަ ޙައްޖުވާށެވެ! އެފަދަ ބޮޑު ޚަރަދެއް ކުރެވެން ނެތް ނަމަ ކުރެވެން އޮތް ކަމެއް ކުރާށެވެ! މީހަކަށް ދީނީ ޢިލްމު ލިބޭނެ ފޮތެއް ހަދިޔާ ކުރިނަމަވެސް މައިން ބަފައިންގެ ނަމުގައި ކޮށްފިނަމަ މައިންބަފައިންނަށާއި ތިމާއަށް އެކަމުގެ ފައިދާ ކުރާނެއެވެ. ވީމާ ވެވުނު ވަރަކުން މިސްކިތްތަކަށާއި މަދުރަސާތަކަށާއި ދަރިވަރުންނަށް އެހީތެރިވެދޭށެވެ.
ދަރިންލައްވައި މިފަދަ ހެޔޮ އަމަލުތައް ކުރުވަން ބޭނުންނަމަ އެކަމުގައި ދަރިންނަށް ނަމޫނާ ދައްކާ މައިންބަފައިންނަށް ވާންޖެހޭނެއެވެ. އަހަރެމެން އެފަދަ އަމަލުތައްކޮށް ދަރިންނަށް ނަމޫނާ ނުދައްކާނަމަ އެކުދިންވެސް އެކަމަށް ޝައުޤުވެރިއެއް ނުވާނެއެވެ.
މަރުވުމާއިއެކު ހެޔޮ އަމަލުތައް އިތުރަށްކޮށް ސަވާބު އިތުރުކުރުމުގެ މަގު ބަންދުވެގެންދެއެވެ. އެހެންކަމުން މަރުވުމުގެ ކުރިން ސަވާބު އިތުރުވާނެ މަގުތައް ހޯދައި އެކަމަށް މަގުފަހިކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
--ޝައިޚް ޝަފްޔަތު މުޙައްމަދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ