ސާވިސް ޗާޖު ބޮޑުކުރަން މެނޭޖްމެންޓުން އެއްބަސްވުމުން ކޮންރެޑްގެ ހަޅުތާލު ހުއްޓާލައިފި، ފުލުހުން ރިސޯޓުގައި

މުސާރަ އާއި އިނާޔަތްތަކާ މެދު ހިތްހަމަނުޖެހިގެން ރެ އިން ފެށިގެން ހަޅުތާލު ކުރަމުން ދިޔަ އދ. ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުގެ މުވައްޒަފުން މެނޭޖްމެންޓުގެ އެއްބަސްވުމަކާ އެކު މީގެ ބައިގަޑިއެއްހާ އިރު ކުރިން ހަޅުތާލު ހުއްޓާލައިފި އެވެ.
ސާވިސް ޗާޖް ބޮޑުކޮށްދޭން މެނޭޖްމެންޓުން އެއްބަސްވުމުން ހަޅުތާލު ހުއްޓާލި އިރު ފުލުހުން ވަނީ ކޮންރެޑަށް އަރާފަ އެވެ. ހަޅުތާލު ކުރި މުވައްޒަފުން ބުނާގޮތުގައި ފުލުހުން އެރީ ރަޔަޓް ގިއަރުގަ އެވެ. ނަމަވެސް ފުލުސް އޮފީހުން އެކަން ދޮގު ކުރެ އެވެ.
ހަޅުތާލުގައި ބައިވެރިވި މުވައްޒަފަކު ނަން ނުޖަހަން ޝަރުތުކޮށް ބުނިގޮތުގައި ފުލުހުން އެރި ފަހުން، މެނޭޖްމެންޓުން ވަނީ ކޮންރެޑާ އެއް ފެންވަރުގެ އެހެން ރިސޯޓުތަކުގައި ސާވިސް ޗާޖް ދޭ މިންވަރަށް ސާވިސް ޗާޖު ބޮޑުކޮށްދޭން އެއްބަސްވެފަ އެވެ.
"މެނޭޖްމެންޓުން މުވައްޒަފުންނާ ދޭތެރެ ދޭތެރެއިން އައީ ބައްދަލުކުރަމުން. އެންމެ ފަހުން ސާވިސް ޗާޖު މި ފެންވަރުގެ އެހެން ރިސޯޓުތަކާ އެއް ރޭންޖަކަށް ވަރަށް އަވަހަށް ބޮޑު ކޮށްދޭން އެއްބަސްވުމުން އަޅުގަނޑުމެން މީގެ ބައިގަޑިއެއްހާ އިރު ކުރިން މުޒާހަރާ ހުއްޓާލައިފިން. ދެން އަޅުގަނޑުމެން ބަލާނީ މި އަންނަ މަހުގެ ސާވިސް ޗާޖު ލިބޭ ވަރެއް،" އޭނާ ބުންޏެވެ.
ކޮންރެޑުން ވާހަކަ ދެއްކި މުވައްޒަފު ބުނީ ރަޔަޓް ފުލުހުން ރިސޯޓަށް އަރާ "ވަރަށް ފިލައިގެން" އެބައުޅޭ ކަމަށާއި ނަމަވެސް މުވައްޒަފުންނާ ހިސާބަށް ނުދާ ކަމަށެވެ. އެކަމަކު ފުލުހުން ރަށަށް އެރުމަކީ ވެސް ހަޅުތާލު ހުއްޓާލުމުގެ ސަބަބެއް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މީޑިއާއާ ވާހަކަ ދައްކަވާ އޮފިޝަލަކު ވިދާޅުވިގޮތުގައި މިއަދު ހަވީރުން ފެށިގެން ކޮންރެޑްގައި ހަރަކާތްތެރި ވަނީ ރަޔަޓް ފުލުހުންނެއް ނޫނެވެ.
"އެ ރަށުގައި ހަރަކާތްތެރިވަނީ ފުލުހުން. އެ މީހުން ދިޔައީ ރަޔަޓް ގިއަރަކު ނޫން،" އޭނާ ވިދާޅުވި އެވެ.
ރިސޯޓުން ވާހަކަ ދެއްކި މުވައްޒަފު ބުނީ ފުލުހުން ވެސް މުވައްޒަފުންނާ ވާހަކަ ދެއްކި ކަމަށެވެ.
"އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް އަޅުގަނޑުމެންނާ ބައްދަލުކޮށްފައި ބުނީ މިއީ ރާއްޖޭގެ އިގްތިސާދާ ގުޅުން ހުރި ކަމެކޭ، ތިމަންނަމެން މި އައީ ރާއްޖޭގެ އިގްތިސާދު ހިމާޔަތް ކުރުމުގެ މެންޑޭޓް ތިމަންނަމެންނަށް އޮންނާތީއޭ، އެއްވެސް ހާލެއްގައި މުވައްޒަފުން ގައިގައި ތަޅައިގަންނާކަށް ނޫނޭ،" އޭނާ ބުންޏެވެ. "އަޅުގަނޑުމެން ބުނިން ފުލުހުން މި ރަށަށް އަރަން ޖެހޭ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ. އަޅުގަނޑުމެން ގެސްޓުންނަށް އުނދަގުލެއް ނުކުރަމޭ، ތަނަކަށް ގެއްލުމެއް ނުދެމޭ، ޖިނާއީ ކުށެއް ނުކުރަމޭ، އަޅުގަނޑުމެން މި ތިބީ ހަމައެކަނި މަދަނީ ބަސްނޭހުމެއްގައޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ