ޗައިނާ އިން ދޭ ޕީއެޗްޑީގެ 14 ފުރުޞަތާއި މާސްޓަރސް ޑިގްރީގެ 25 ފުރުޞަތަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޗައިނާ ސަރުކާރުން ރާއްޖެއަށް ދޭ ޕީއެޗްޑީގެ 14 ފުރުޞަތާއި މާސްޓަރސް ޑިގްރީގެ 25 ފުރުޞަތަށް ކުރިމަތިލުމުގެ ދޮރު މިހާރުވަނީ ހުޅުވާލާފައެވެ. މި ފުރުޞަތުތަކަކީ ކިޔަވަން ބޭނުންވާ ދާއިރާއެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ލިބިގެންވާ ސްކޮލަރޝިޕްތަކެކެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އޮންކެމްޕަސް އެކޮމޮޑޭޝަން، ސްޓައިޕެންޑް، ރީސެޓްލްމަންޓް ފީ، މެޑިކަލް އިންޝުއަރެންސް އަދި ދެކޮޅު ޓިކެޓް ހަމަޖައްސައިދޭނެއެވެ.
މި ފުރުޞަތުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، އެޕްލައި ކުރާ ކޯހާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ފަރާތަކަށްވުން ހިމެނެއެވެ. އަދި ސެޕްޓެމްބަރ 2025ގެ ނިޔަލަށް އުމުރުން 45 އަހަރު ފުރިފައި ނުވާ ފަރާތަކަށްވުން ޝަރުތު ކުރެއެވެ.
މި ފުރުޞަތުތަކަށް އެދި ހުށަހެޅޭނީ ވުޒާރާގެ ޕޯޓަލް myedu.egov.mv މެދުވެރިކޮށް، ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށެވެ. މަތީ ތަޢުލީމު ހާސިލްކުރުމަށް ކުރިން ލޯނެއް ނަގައި، އެ ލޯނު ގަވާއިދުން ދައްކަމުންދާ ފަރާތްތަކަށްވެސް މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނެއެވެ.
ވުޒާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތްތަކުންވެސް، ލޯނު އެގްރިމަންޓްގައި ސޮއިނުކުރާނަމަ މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ. ނަމަވެސް މި ސްކޮލަރޝިޕަށް ނޮމިނޭޓްވާ ފަރާތްތަކުން ލޯނު ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. އަދި އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ފަރާތްތަކަށް މި ފުރުޞަތަށް ނޮމިނޭޓެއް ނުކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ