ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ޕާޓީއިން "އަސްލު"ގެ ނަމުގައި މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ޖަމާވަމުން ދަނިކޮށް، އެކަން ހިނގަމުންދާ ގޮތާމެދު ރައީސް މައުމޫން ފެކްޝަނުން ސުވާލު އުފައްދައިފިއެވެ.
"މަވެސް ދާނަން" ކަމަށްބުނެ، ޕީޕީއެމްގެ ޖަލްސާއަށް ހާޒިރުވާނެ ކަން އެތައް ބަޔަކު ހާމަކުރަން ފަށާފައިވުމާއެކު އެ ޕާޓީއިން ވަނީ އެ ފަރާތްތަކަށް ލުއި ފަސޭހަގޮތަކަށް ދަތުރުފަތުރުގެ ކަންކަން އިންތިޒާމުކޮށްދޭނެކަން ކަށަވަރުކޮށްދީފައެވެ.
އެކަމާ ބެހޭގޮތުން ހިޔާލުފާޅުކުރަމުން، ރައީސް މައުމޫން ހިންގަވާ ސިޔާސީ ހަރަކާތުގެ ހިންގާ ކޮމެޓީގައި ހިމެނޭ އާމިނަތު ނާދިރާ ވަނީ، "މިކަމަށް ޚަރަދުކުރަނީ ކޮންފައިސާއެއް" ތޯ ސުވާލު އުފައްދާފައެވެ.
ސިޔާސީ ޕާޓީތައް ރާއްޖޭގައި ހިންގަނީ ދައުލަތުން ފައިސާދީގެން ކަމަށްވާއިރު، ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފައި ވަނީ މިހަފްތާގައެވެ.
މީގެ ކުރިންވެސް، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް އަތޮޅުތަކުން ސިޔާސީ ހަރަކާތްތެރިން ގެނެސްފައިވަނީ އެ ޕާޓީއަކުން ހޭދަކޮށްގެން ކަމަށްވާއިރު، ޕީޕީއެމް އިން ވެސް އަމަލުކޮށްފައި ވަނީ އެގޮތަށެވެ. ޕީޕީއެމްގެ ރައީސް ކަމުގައި ރައީސް މައުމޫން ހުންނަވައިގެން އެމަނިކުފާނުގެ ބެލެހެއްޓުމުގެ ދަށުން ކަންކަން ކުރެއްވިއިރުވެސް އެކަން އޮތީ އެގޮތަށެވެ.
ނަމަވެސް، ޕީޕީއެމްއިން ފެލަށްޖެހި، ރައީސް މައުމޫނަކީ މިވަގުތު އިދިކޮޅު ލީޑަރަކަށް ބަދަލުވެފައިވާއިރު، އެމަނިކުފާނު ހިންގަވާ ނުރަސްމީ ޖަމާއަތުން މިހާރު ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުކިޔަން ފަށާފައެވެ. އަދި އޭގެ ތެރެއިން ގިނަ ފާޑުކިޔުންތަކަށް އެހެންބަޔަކު ރައްދު ނުދެނީސް، އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން ދަނީ ރައްދު ދެމުންނެވެ.
އެގޮތުން، ނާދިރާގެ ވާހަކައަށްވެސް އެމްޑީޕީގެ ބައެއް ފަރާތްތަކުން ރައްދުދީފައިވާއިރު، އެ ފަރާތްތަކުން ވަނީ މީގެ ކުރިން ނާދިރާއަށް އެފަދަ ކަންކަން ފެނިވަޑައިގެންފައި ނުވާތީ ހިތާމަފާޅުކުރާ ކަމަށް ބުނެފައެވެ.
ކޮންމެއަކަސް، ރައީސް މައުމޫންގެ ފެކްޝަނުގެ ބޭފުޅުންގެ ނަޒަރުގައި، ޕީޕީއެމް މިވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް ގޯސްވެފައެވެ.
ޕީޕީއެމް ޖަލްސާއަށް މީހުން އެއްކުރާ ގޮތާމެދު، މައުމޫން ފެކްޝަނުން ފުރަތަމަ ފަހަރަށް ސުވާލު އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ