މިދިޔަ ހުކުރު ދުވަހު ހއ. އިހަވަންދޫގައި ޕީޕީއެމް އޮފީހެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކޫލް ކުދިން ބައިވެރިކޮށްފައިވާތީ އެކަމާމެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްކޫލްތަކުގައި ތަޢުލީމު ޙާސިލްކުރާ ކުދިން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިކުރުވުމަކީ އެޑިޔުކޭޝަން މިނިސްޓްރީން މަނާކޮށްފައިވާ ކަމަކަށްވާއިރު ފާޅުކަންބޮޑު ގޮތުގައި މިފަދަ ޤާނޫނާ ޤަވާއިދާ ޚިލާފް ކަންކަން ކުރުވުމަށް ރައީސް ޢަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ހިތްވަރު ދެމުން އައުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.
އަދި މިއީ ދައުލަތުގެ ބާރުތަކާއި ވުޒާރާތަކަށް ނުފޫޒު ފޯރުވައި ދައުލަތުގެ މުވައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސްކޫލްތަކާއި ދަރިވަރުން ސިޔާސީކުރަމުން އަންނަކަމުގެ ހެއްކެއް ކަމަށް އެމްޑީޕީން ބުންޏެވެ.
"މި ޙަފްލާއަކީ ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޙަފްލާއަކަށް ނުވިނަމަވެސް ޕީޕީއެމްގެ މި ސިޔާސީ ޙަރަކާތް ޓީވީއެމް އިން ވަނީ ވަގުތުން ގެނެސްދީފައެވެ. ދައުލަތުގެ މީޑިޔާއިން އެހެން ސިޔާސީ ޕާޓީތަކަށް މި ފުރުޞަތު ނުދޭއިރު، މިކަން މިގޮތަށް ކުރުމަކީ ކަނޑައެޅިގެން ތަފާތުކުރުމެވެ. އެހެންކަމުން މިއީ ދައުލަތުގެ މުދަލާއި ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލެކެވެ" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ސްކޫލްތަކުގައި ތަޢުލީމް ޙާސިލްކުރަމުން އަންނަ ދަރިވަރުންނާއި ކުޑަކުދިން ސިޔާސީ ޕާޓީތަކުގައ ޙަރަކާތްތަކުގައި ބައިވެރިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވެސް މަނާކަމަކަށްވާއިރު ވެރިކަންކުރާ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް އެކަން އަންގައި ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އަދި ދައުލަތުގެ މުދަލާއި ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާއިރު އެކަން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
ސިޔާސީ ހަރަކާތްތަކުގައި ސްކޫލް ކުދިން ބައިވެރިކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ