ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރާ ތަހުގީގަކަށް، އޭނާ އެ ކޮމިޝަނަށް ހާޒިރުވާން މިއަދު އަންގައިފި އެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭސީސީ އަށް އޭނާ ހާޒިރުވާން އެންގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައާ ދިމާކޮށް، ސިޔާސީ ގޮތުން ޖެއްސުން ކުރުމުގެ ގޮތުން ކަމަށެވެ.
ފާރިސް އޭސީސީ އަށް ހާޒިރުވާން އެންގީ މާދަމާ އަށް ކަމަށް ވެ އެވެ. ނަމަވެސް އޭނާ އެ ކޮމިޝަނަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.
މަޖިލިހުގެ ރައީސް ކަމުން މަސީހް ވަކިކުރުމަށްޓަކައި 26 މެމްބަރުންގެ ސޮޔާއެކު މިދިޔަ ބުދަދުވަހު މަޖިލީހަށް ހުށަހެޅި ލިޔުމުގައި އެންމެ ފުރަތަމަ ސޮއިކުރައްވާފައި ވަނީ ފާރިސް އެވެ. އަދި އެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް އޭނާ އެވެ. އެނގިފައިވާ ގޮތުގައި، މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ސީދާ މައުމޫންގެ އިސް ނެންގެވުމެކެވެ.
I have been asked to appear before @acc_maldives This appears to be politically motivated harassment before the Speaker's no confidence vote— Ahmed Faris Maumoon (@afarismaumoon) March 13, 2017
ފާރިސް ކުރެއްވި ޓުވީޓު.މަޖިލީހުގެ ރައީސް މަސީހު ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެފައިވާ ކަމަށް "ރާއްޖެ ޓީވީ" ގައި ވާހަކަ ދައްކަވަމުން ފާރިސް އިއްޔެ ރޭ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން ބޭނުންވާނީ 42 މެމްބަރުންގެ ވޯޓު ކަމަށެވެ. އެ އަދަދަށް، ވޯޓު ކަށަވަރުވެ، މަސީހް މަގާމުން ދުރުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ އެ ދުވަހެއްގެ ޖަލްސާއެއްގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަސީހު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ މި މަހުގެ 27 ގައި ބާއްވަން ނިންމައި، އެކަމުގެ ނޯޓިސް މަސީހަށާއި މަޖިލިހުގެ މެމްބަރުންނަށް މަޖިލިހުގެ އިދާރާ އިން އިއްޔެ ވަނީ ފޮނުވައިފަ އެވެ.
ފާރިސް މައުމޫން އޭސީސީ އަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ