ސީރިއާގެ ހަލަބު ހިފުމަށް ބައްޝާރުލް އަސަދަށް ވަފާތެރި ސިފައިންނާއި ރަޝިއާ ސިފައިން ދެމުން ދިޔަ ވަރުގަދަ ހަމަލާތައް ވަގުތީ ގޮތުން މެދުކަނޑާލާ ހަލަބުން ނިކުތުމުގެ ފުރުސަތު އާންމުންނަށް ދިން ނަމަވެސް ހަލަބުގެ އާންމު ރައްޔިތުންނަށް ކުރިއަށް އޮތީވެސް ރައްކާތެރި ދުވަސްތަކެއް ނޫންކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިހާރު އެތައް އާންމުންނަކާއި ހަނގުރާމަވެރިންނެއް ދަނީ ހަލަބުން ނިކުންނަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް 3000 މީހުން ވަނީ ހަލަބުން ނިކުމެފައެވެ. ހަލަބުން ނިކުތް މީހުން މިހާރު ދަނީ ހަލަބު އާއި ކައިރީގައި އޮތް އިދްލީބް އަށެވެ. މިއީ ވެސް ސަރުކާރުގެ ކޮންޓްރޯލް ނެތް ސަރަހައްދެކެވެ. މިސަރަހައްދު އޮތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހަލަބު ހިފުމަށް ރަޝިއާ އާއި ސީރިއާ ސިފައިން ކުރިއަށް ގެންދާ އޮޕަރޭޝަން ގައި ހަލަބު "މިނިވަން ކުރުމަށް ފަހު" ދެން ހަމަލާތައް ދޭނީ އިދްލީބް އަށެވެ. އެއީ ދެން މިސަރަހައްދުން ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތީ އިދްލީބް ކަމަށް ވާތީ އެވެ.
އެހެންކަމުން ހަލަބުން ނިކުންނަ މީހުންނަށް އަނެއްކާވެސް ގޮސް ވަންނަން ޖެހިފައި މިވަނީ ހަނގުރާމައިގެ މައިދާނެއްގެ ތެރެއަށެވެ.
ހަލަބަށް ހަމަލާ ދިނުން ވަގުތީ ގޮތުން ހުއްޓާލާފައި ވާއިރު ހަލަބުގެ ހާލަތު ބަލާލުމަށް އެސިޓީއަށް ވަން ނޫސްވެރިން ބުނާ ގޮތުގައި މުޅި ހަލަބު އޮތީ ސުންނާފަތި ވެފައެވެ. ބޮޑެތި އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ. ބިމާހަމަނުވެ ހުރި އިމާރާތްތަކަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ވެފައެވެ.
ހަލަބުގެ ހޮސްޕިޓަލްތަކާއި ކަރަންޓާއި ފެން ފޯރުކޮށްދޭ އިމާރާތްތައް ވެސް ވަނީ ސުންނާފަތިވެފައެވެ.
ހަލަބުގެ ރައްޔިތުން ހަނގުރާމައިގެ މައިދާނުން ނިކުމެގެން އަނެއްކާވެސް ހަނގުރާމައިގެ މައިދާނަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ