ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ ކުއްލި މައްސަލައެއްގައި އެއް ޖަނަރޭޓަރު ނިވުމުން: ސްޓެލްކޯ

ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނީ ސްޓެލްކޯގެ އެންމެ ބޮޑު ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރަށް ކުއްލި މައްސަލައެއް ދިމާވެގެން ނިވުމުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސްޓެލްކޯއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 20: 9 ހާއިރު، 6500 ކިލޯ ވޮޓްގެ ޖަނަރޭޓަރު ނިވުނީ އެ ޖަނަރޭޓަރުގެ ފިނިކުރާ ނިޒާމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ.
ބުރާސްފަތި ދުވަހުގެރޭ މާލެއިން ކަރަންޓް ދިޔަ ހުރިހާ ސަރަހައްދަކަށް 40 މިނެޓްތެރޭގައި ކަރަންޓްދީ ނިންމި ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
"އެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ވަނީ ހައްލުކުރެވިފައި،" ސްޓެލްކޯގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން ހުސައިން މިއަދު ވިދާޅުވި އެވެ.
މާލެ އަށް ކަރަންޓް ދިނުމަށް މިހާރު ޖުމުލަ 13 ޖަނަރޭޓަރު ބޭނުންކުރާ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެއީ 6،500 ކިލޯ ވޮޓްގެ ދެ ޖަނަރޭޓަރާއި 5،000 ކިލޯވޮޓްގެ އެއް ޖަނަރޭޓަރާއި 4،000 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި 2،000 ކިލޯ ވޮޓްގެ ތިން ޖަނަރޭޓަރު އަދި 1،000 ކިލޯ ވޮޓްގެ ހަ ޖަނަރޭޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ