ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގައި ރޯވީ ކަރަންޓް ޝޯޓަކުން: ޕޮލިސް

އަބްދުﷲ ޖަމީލު
ފުވައްމުލަކު އިޖުތީމާއީ މަރުކަޒުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު އަލިފާން ރޯވެފައި ވަނީ ކަރަންޓް ޝޯޓަކުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ އެ މަރުކަޒުގެ ޖަލްސާކުރާ ހޯލު އަނދައި ހުލިވެފައި ވަނީ ކަރަންޓް ޝޯޓެއްވެގެންކަން އެނގުނީ ފުލުހުންގެ ފޮރެންސިކް ޓީމެއް އެ ރަށަށް ގޮސް ކުރި ތަހުގީގުން ކަމަށެވެ.
"ތަހުގީގުން އެނގުނު ގޮތުގައި އެތަނުގައި ކަރަންޓް ޝޯޓުވެގެން އަލިފާން ހިފީ ސީލިންގައި. އެތަނުގައި ރޯވެ ކޮންޓްރޯލް ނުވުމުން މުޅި ތަން އަނދައިގެން ދިޔައީ،" އޭނާ ވިދާޅުވި އެވެ.
އާބާދީގައި ގާތްގަނޑަކަށް ދިހަ ހާހެއްހާ މީހުން ހިމެނޭ ރަށުގެ ރައްޔިތުން އިމާރާތްކޮށްފައިވާ މަރުކަޒުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތުގެ ތެރޭގައި ހުރި 300 އަށްވުރެ ގިނަ ގޮނޑި އާއި މޭޒު ވެސް ވަނީ އަނދައިފަ އެވެ. ނަމަވެސް އެ އިމާރާތާ ގުޅިފައިވާ ފެންޑާ އަށް އެހާ ބޮޑު ގެއްލުމެއް ނުވެ އެވެ.
ސަތޭކަ ފޫޓަށްވުރެ ބޮޑު މި އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލީ އެމް.އެން.ޑީ.އެފާއި ފުވައްމުލަކުގައި ހަރަކާތްތެރިވާ ރީޖަނަލް ފަޔާ ސާވިސް އިންނެވެ.
އެ މަރުކަޒުން ބުނެފައިވާ ގޮތުގައި އެ ދުވަހުގެ ރެ އާއި އޭގެ ކުރީ ދުވަހު އިޖުތިމާއީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތްތަކާއި އެއާކޯންތަކެއް ހަރުކުރުމުގެ މަސައްކައްތަކެއް ކުރަމުން ގެންގޮސްފައި ވެ އެވެ. އަދި ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އެ ރަށަށް ކުރައްވާ ޒިޔާރަތުގައި މެންދުރުގެ ފަރިއްކޮޅު އެތަނުގައި ބޭއްވުމަށް ނިންމަވާފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ