ތެޔޮ ހޯދާ ބޯޓެއް މާލެ ކައިރީގައި މަޑުކޮށްފި

ކަނޑު އަޑިން ތެޔޮ ހޯދާ ބޯޓަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ބޯޓު ވިލިމާލެ އުތުރު ފަރާތަށް މަޑުކޮށްފި އެވެ.
އެމްޕީއެލްގެ ހާބަރު މެނޭޖަރު އަހުމަދު ރަޝީދު ވިދާޅުވީ ޗައިނާގެ ޝަންހާއިން ފުރައިގެން ދެކުނު އެމެރިކާ އަށް ދަތުރުކުރި އެ ބޯޓު، މާލެ ސަރަހައްދުގައި މީގެ ގަޑިއިރެއްހާ އިރު ކުރިން މަޑުކުރީ، އެ ބޯޓުގެ މެޝިނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އޭނާ ވިދާޅުވީ މާލޭ ވެއިޓިން އެންކަރޭޖްގައި މަޑުކޮށްގެން އޮތް އެ ބޯޓަކީ ދެކުނު އެމެރިކާ އަށް ދިޔުމަށް، މި ސަރަހައްދުން ދަތުރުކުރި ބޯޓެއް ކަމަށެވެ.
"އާއްމުކޮށް އެފަދަ ބޯޓުތައް މި ސަރަހައްދުން ދަތުރުކުރާނީ މިސްރުގެ ސްވޭޒް ކެނަލް ތުރޫކޮށް. އެކަމަކު އެއީ އާއްމުކޮށް މި ސަރަހައްދުތަކުން ދަތުރުކުރާ އުޅަނދުފަހަރުތަކެއް ނޫން،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބޯޓު އެ ސަރަހައްދުގައި މަޑުކޮށްގެން އޮންނާނެ އިރެއް ބުނަން ނޭނގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ