ރިޔާސީ އިންތިހާބު 2008: މެލޭޝިއާ އާއި ސިންގަޕޫރުގައި ވޯޓުލުމުގެ ރަސްމީ ވަގުތު ހަމަވިއިރު ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި

ކުއާލަ ލަމްޕޫރުން ހުސައިން ފިޔާޒު މޫސާ
ރާއްޖޭގައި ކުރިއަށްދާ ފުރަތަމަ މަލްޓިޕާޓީ އިންތިހާބުގައި، މެލޭޝިއާ އާއި ސިންގަޕޫރުގައި ވޯޓުލުމުގެ ރަސްމީ ވަގުތު މި ދެ ގައުމުގައި 00: 20 އަށް ހަމަވިއިރު، ގިނަ އަދަދެއްގެ ބަޔަކު ވޯޓުގެ ކިޔޫގައި އެބަތިއްބެ އެވެ.
މެލޭޝިއާގައި ވޯޓުލުމަށްޓަކައި 960 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ވޯޓު ފޮށި ބަންދުކުރުމުގެ ރަސްމީ ވަގުތު ހަމަވިއިރު، 200 އަށް ވުރެ ގިނަ މީހުން ވޯޓުލުމުގެ އިންތިޒާރުގައި އެބަތިއްބެ އެވެ. އަދި ލިސްޓުގައި ނަން ނެތިގެން ވޯޓު ނުލެވިފައި ތިބި ގިނަ އަދަދެއްގެ މީހުން ވޯޓު ލެވޭނެ ކަމުގެ އުއްމީދުގައި އެބަތިއްބެ އެވެ.
ސިންގަޕޫރުގައި ހުންނެވި އިލެކްޝަންސް ކޮމިޝަންގެ އިސް އޮފިޝަލް އަބްދުއް ރަޝީދު އަލީ މީގެ ކުޑައިރުކޮޅެއްގެ ކުރިން ވިދާޅުވީ ރަސްމީ ވަގުތު ހަމަވިއިރު 90 ޕަސެންޓަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށެވެ.
"މިހާރު ތިބީ ވަރަށް މަދުބަޔަކު. އަދި ލިސްޓުގައި ނަން ނެތިގެން ވޯޓު ނުލެވިފައި ތިބި ދިހަވަރަކަށް މީހުން އެބަތިބި. އެ މީހުންނަށް ވޯޓު ލެވޭނެ ކަމުގެ އުއްމީދު ބޮޑު. ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދިވެސް އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑުމެންނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ނުއަންގަވާ،" އަބުދުއް ރަޝީދު ވިދާޅުވި އެވެ.
ސިންގަޕޫރުގައި ވޯޓުލުމަށްޓަކައި 160 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރި އެވެ.
މެލޭޝިއާގައި ވޯޓުލުމުގެ ވަގުތު ރާއްޖޭގެ ގަނޑިން 00: 17 ހަމަވިއިރު، ވޯޓުލާން ތިބި މީހުންގެ އިތުރުން ލިސްޓުގައި ނަން ނެތިގެން ވޯޓު ނުލެވިފައި ވިއްސަށް ވުރެ ގިނަ މީހުން އެބަ ތިއްބެ އެވެ. ވޯޓު ލުމުގެ ވަގުތު ހަމަވުމުން އިތުރަށް މީހުން ވެއްދުން ވަނީ ބަންދުކޮށްފަ އެވެ.
މިކޮޅުގައި ހުންނެވި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލެއް ވިދާޅުވީ ވޯޓު ކަރުދާސް އިތުރަށް ހުރި ނަމަ، ލިސްޓުގައި ނަން ނެތް މީހުންނަށް ވޯޓުލުމަށް ފުރުސަތު ދޭނެ ކަމަށެވެ.
"ނަމަވެސް އަދިވެސް މާލެއިން ރަސްމީ އެއްވެސް ހަބަރެއް ނުލިބޭ. އެ ބޭފުޅުންނަށް ނުގުޅޭތީވެ )ލިސްޓުގައި ނަން ނެތް މީހުންނަށް ގޮތެއް ނިންމުމަށް ( ދަތިމިވަނީ،" އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
ވޯޓުލުމުގެ ރަސްމީ ވަގުތު ހަމަވުމާއެކު، ވޯޓު ލިސްޓުގައި ނެތް މީހުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފަ އެވެ.
"އަޅުގަނޑުމެން މީ ދިވެހި ރައްޔިތުން. ދިވެހިރައްޔިތުންނަށް ވޯޓު ލެވެންޖެހޭނެ،" ވޯޓު ނުލެވިފައި ތިބި މީހުން އަޑު ހަރުކޮށް ގޮވަމުން އެބަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ