ޕްރީ ސްކޫލް ތައުލީމް މުޅި ރާއްޖެއަށް ހިލޭ ފޯރުކޮށްދެނީ

އޭޝިއާގެ ގައުމު ތަކުގެ ތެރެއިން ޕްރީސްކޫލް ތައުލީމް ހިލޭ ފޯރުކޮށްދޭ ފުރަތަމަ ގައުމުގެ ޝަރަފް ރާއްޖެއަށް ލިބިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އެންމެ ކުއްޖަކުވެސް ބާކީ ނުކޮށް ޕްރީ ސްކޫލްގެ ތައުލީމް ކޮންމެ ރަށަކުން ވެސް ހިލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަޝްރޫއު ފެށުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ 2030 ވަަނަ އަހަރު އަންނަންވާއިރަށް ހުރިހާ ގައުމަކުން ޕްރީ ސްކޫލް ތައުލީމް ފޯރުކޮށްދޭން ޖެހޭނެ ކަމަށް އދ. އިން ކަނޑަ އަޅާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ވަނީ މިކަމާ ގުޅޭ ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ޕްލޭން ފެށުމުގެ ކުރިން ދެ އަހަރުގެ ޕްރީސްކޫލް ތައުލީމް ފުރުސަތު ފަހި ކޮށްދީފައި ކަމަަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ކިޔަވަން ފެށުމާއެކު ސަރުކާރުން ކަނޑަ އަޅާ ވަކި ސްކޫލް ތަކެއްގައި ނުވަތަ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ޕްރީސްކޫލް ތައުލީމް ދޭން ފަށާނެ ކަމަށެވެ. އަދި މިއަހަރުގެ ކިޔެވުން ފެށުނުއިރު މާލެއާއި އައްޑޫ ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީސްކޫލު ތަކުގައި ހިލޭ ކިޔަވައިދޭން ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މި ފެށޭ އާއަހަރާ އެކު އައްޑޫ ސިޓީއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ހުރި ސަރުކާރުގެ ސްކޫލްތަކުގައި ޕްރީ ސްކޫލް ތައުލީމް ހިލޭ ކިޔަވައިދޭން ފަށާނެ ކަމަށާއި މާލޭގެ އަވަށު މަދަރުސާތަކާއި ސަރުކާރުން ކަނޑައަޅާ ވަކި ޕްރީ ސްކޫލްތަކެއްގައި އުމުރުން ހަތަރު އަހަރާއި ފަސް އަހަރުގެ ދަރިވަރުންނަށް ހިލޭ ޕްރީ ސްކޫލް ތައުލީމް ލިބޭނެ ކަމަށެވެ.
އަންނަ އަހަރު މާލޭގައި ހިލޭ ޕްރީސްކޫލް ތައުލީމް ދިނުމަށް ހަމަޖެހިފައިވާ ސްކޫލް ތަކަކީ، މާފަންނު މަދަރުސާ، އަމީރު އަހުމަދު ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ގަލޮޅު މަދަރުސާ، މަދަރުސަތުލް ފަލާހް، ރެހެންދި ސްކޫލް (ހުޅުމާލެ)، ގާޒީ ސްކޫލް (ހުޅުމާލެ)، މުހިއްޔިއްދީން ސްކޫލް (ވިލިމާލެ) އެވެ. އަދި އާއްޑޫ ސިޓީގައި ޕްރީ ސްކޫލް ތައުލީމް ހިލޭ ދިނުމަށް ހަމަޖެހިފައިވާ ސްކޫލް ތަކަކީ، ސ. ހިތަދޫ ސްކޫލު، ޝަރަފުއްދީން ސްކޫލު، މަރަދޫ ފޭދޫ ސްކޫލް، ހުޅުދޫ ސްކޫލު، ޝަމްސުއްދީން ސްކޫލު އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދިރިއުޅެން ޖެހޭ ހާލަތެއްގެ ސަބަބުން ނަމަވެސް ކިޔެވުމަށް ކުއްޖަކަށް ދަތިވާނަމަ އެ ކުއްޖަކު ވެސް ބާކީ ނުކޮށް ހުރިހާ ކުދިންނަށްވެސް ހަމަހަމަ ކޮށް ތައުލީމުގެ ފުރުސަތު ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ